ގަލްފް ކަނޑުގެ ސަރަހައްދުން ބައިނަލްއަގުވާމީ ބާޒާރަށް ތެޔޮ ސަޕްލައިކުރާ މައި މަގުން ދަތުރު ކުރަމުންދިޔަ ޓޭންކަރުތަކަކަށް އަމާޒުކޮށް ދިން ހަމަލާތަކާ ގުޅިގެން، ހަކަތައިގެ ސަޕްލައި ރޫޓު ހިމާޔަތް ކުރުމަށް ހަލުވި ފިޔަވަޅުތަކެއް އެޅުމަށް ސައުދީ އަރަބިއްޔާއިން ގޮވާލައިފިއެވެ.

ގަލްފް އޮފް އޮމާން ކަނޑުގެ ސަރަހައްދުން މިދިޔަ ބުރާސްފަތި ދުވަހުވެސް 2 ޓޭންކަރަކަށް ހަމަލާ ދީފައި ވާއިރު، އެމެރިކާއިންވަނީ މި ހަމަލާގެ އިލްޒާމު، އީރާނުގެ ބޮލުގައި އަޅުވާފައެވެ. ނަމަވެސް މި ތުހުމަތުތަކަށް އިންކާރު ކުރަމުން އީރާނުން ބުނީ، މިއީ އެއްވެސް ތާކުންތާކު ނުކުޖެހޭ، ނުރައްކާތެރި އިލްޒާމުތަކެއް ކަމަށެވެ.

އެކުވެރި އަރަބި އިމާރާތް (ޔޫ.އޭ.އީ)ގެ ކަނޑުގެ ސަރަހައްދުން ދަތުރު ކުރަމުން ދިޔަ ތެޔޮ ޓޭންކަރު ތަކަކަށްވެސް މީގެ ދުވަސްކޮޅެއް ކުރިން ހަމަލާ އަމާޒުވެފައިވާއިރު، އެގައުމުންވެސް ވަނީ، ހަކަތައިގެ ސަޕްލައި ރޫޓުތައް ހިމާޔަތް ކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްތަކެއް ކުރުމަށް ގޮވާލާފައެވެ.

ރަޝިއާ އާއި ގަތަރުގެ އިތުރުން އދ އިން ވަނީ މި ހާދިސާތަކުގެ ބައިނަލްއަގުވާމީ ފެންވަރުގެ ތަހުގީގެއް ހިންގުމަށް ގޮވާލައިފައެވެ.