ސޫރިޔާގެ ހުޅަނގު އުތުރުގެ އިދްލީބް ޕްރޮވިންސަށް އަމާޒުކޮށް އެގައުމުގެ ސަރުކާރުން ދިން ވައިގެ ހަމަލާތަކެއްގައި އާންމު ރައްޔިތުންގެ 7 މީހެއްގެ ފުރާނަ ގެއްލިފައި ވާކަމަށް، މަދަނީ ދިފާއަށް މަސައްކަތް ކުރާ ވައިޓް ހެލްމެޓްސް ގުރޫޕުން ބުނެފިއެވެ.

މާރީތު އަލް ނޫމާން އަވަށަށް ދިން ހަމަލާގައި އާންމުންގެ 3 މީހުން މަރުވިއިރު، އަލް ބާރާ އަވަށަށް ދިން ހަމަލާގައި ކުޑަ 3 ކުދިންނާއި އެކުދިންގެ ބައްޕަގެ ފުރާނަ ގެއްލިފައި ވާކަމަށް ވައިޓް ހެލްމެޓްސްއިން ބުނެއެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޮ ހިއުމަން ރައިޓްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރައީސް ބައްޝާރުލް އަސަދަށް އެއްބާރުލުންދޭ އަސްކަރިއްޔާއާއި އިދިކޮޅު ހަނގުރާމަވެރިންނާ ދެމެދު މިހާރު ބަދަލު ކުރަމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 34 އަށް އަރާފައެވެ. އޭގެ ތެރޭގައި ސަރުކާރަށް އެއްބާރުލުންދޭ އަސްކަރިއްޔާ 26 ސިފައިންނާ އިދިކޮޅު ހަނގުރާމަ ވެރިންގެ 8 މީހަކު ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ.

ގާތްގަނޑަކަށް 3 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮންނަ އިދްލީބަކީ ސޫރިޔާގެ ދާހިލީ ހަނގުރާމާގައި ހަމަލާ ބަދަލުނުކުރާ ސަރަހައްދެއް ކަމުގައި ކަނޑައެޅުމަށް ތުރުކީވިލާތާ ރަޝިއާއިން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މަސައްކަތްތަކެއްކޮށްފައެވެ. ނަމަވެސް މިކަން އަމަލީ ސިފައެއްގައި ތަންފީޒުކުރެވޭ ގޮތެއް އަދި ނުވެއެވެ. އެކަން ކާމިޔާބުވެފައި ނުވަނީ، ހަމަލާ ބަދަލުކުރުން މަނާ ސަރަހައްދުން ފޭބުމަށް، ހަތިޔާރުއެޅި ހަނގުރާމަވެރިން އިންކާރު ކުރުމުގެ ސަބަބުން ކަމަށް ބައިނަލްއަގުވާމީ ޚަބަރުތައް ބުނެއެވެ.

ސަރުކާރާ ދެކޮޅަށް ކުރި ސުލްހަވެރި މުޒާހަރާތަކެއް ދާހިލީ ހަނގުރާމައަކަށް ބަދަލުވެ، އެކަމުގެ ތެރެއަށް ސަރަހައްދީ ހަނގުރާމަވެރިންނާ ބައިނަލްއަގުވާމީ ބޮޑެތި ބާރުތަކުން ވަދެގަތްފަހުން ފާއިތުވީ 8 އަހަރެއްހާ ދުވަހުގެ ތެރޭގައި 370000 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލި، އެތައް މިލިއަން ބަޔަކު ވަނީ ގެދޮރު ގެއްލި، ރެފިއުޖީންނަށްވެފައެވެ.