ދ. މާއެނބޫދޫ ފަޅަށް ގިނަ އަދަދެއްގެ ރާގޮނޑި ވަނުމާ އެކު އެ ރަށު ރައްޔިތުން ނުކުމެ 5000 އެއްހާ ރާގޮނޑި ބާނާފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލުގެ ރައީސް އަހުމަދު ފިކުރީ ވިދާޅުވީ، އެރަށު ފަޅު ތެރެއިން ގިނަ އަދަދަކަށް ރާގޮނޑި ފެނިފައި ވަނީ މިދިޔަ ހަ ރޯދަ ތެރޭގައި ކަމަށެވެ. އެދުވަސްކޮޅު ރާގޮނޑި ފެނިފައި ހަފްތާއެއްހާ ދުވަސް ފަހުން އަނެއްކާ ވެސް ގިނަ އަދަދަކަށް ރާގޮނޑި ފެނިފައިވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ރަށުގައި އުޅޭ ރައްޔިތުންގެ ތެރެއިން ބައެއް ޒުވާނުންނާއި ފިރިހެނުންނާއި ކުޑަކުދިން ޑިންގީތަކުގައި ނުކުމެ ރާގޮނޑި ހިފާފައިވާ ކަމަށް އަހުމަދު ވިދާޅުވިއެވެ. ބައެއް މީހުން ދާ ޖަހައިގެން ރާގޮނޑި ހިފާފައިވާ އިރު ގާތްގަނޑަކަށް 5000 އާ ގާތްކުރާ އަދަދަކަށް ރާގޮނޑި ހިފާފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މާއެނބޫދޫ ރައްޔިތަކު މައުލޫމާތު ދެމުން ބުނީ، އިއްޔެ ހަވީރު ރާގޮނޑި ގިނަ އަދަދަކަށް ފެންނަ ކަން އެނގުމުން އެމީހުން ތިބީ ނުވެސް ނިދާކަމަށެވެ. ކުދި ދޯނީގައާއި ޑިންގީތަކުގައި ރާގޮނޑި ހިފަން ނުކުމެ އުޅޭ ކަމަށް އެމީހާ ބުނެއެވެ.

މީގެ ކުރިންވެސް އެރަށު ފަޅުތެރެއަށް ބޮޑު ކަންނެލި އައިނެއް ވެސް ވަނީ ވަދެފައެވެ.