ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މަސައްކަތަކަށް ސުޕްރީމް ކޯޓަކަށް ނުވަދެވޭނެ ކަމަށާއި، އެ ކޮމިޝަނުން ނިންމި ނިންމުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ކުރި އަމުރަކީ ކޯޓުގެ އިހްތިސޯސުގެ ބޭރުން ނެރެފައިވާ އަމުރެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ނިންމި ނިންމުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރަކީ އެ ކޯޓުގެ އިހްތިސޯސުގެ ބޭރުން ނެރެފައިވާ އަމުރެއް ކަމަށެވެ.
ނަޝީދު ވިދާޅުވީ މަޖިލިހާއި ޖޭއެސްސީ ވެސް މަސައްކަތް ކުރާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި، ސުޕްރީމް ކޯޓުން ފަހުބަސް ބުނަން ޖެހޭނީ ގަނޫނާއި ގާނޫނުގައި ބުނާގޮތުގެ މަތިން ކަމަށެވެ. އަދި ޖޭއެސްސީއާއި މަތިކޮށްފައިވާ މަސައްކަތެއް ހިނގަމުން ދަނިކޮށް އެ މަސައްކަތާ ގުޅޭ ފަހުބަސް ބުނުމަކީ ގާނޫނީ ހަމަތަކުގެ ތެރެއިން ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ސުޕްރީމް ކޯޓުގެ އިހުތިސާސުން ނެއްޓި ޖޭއެސްސީގެ އިހުތިސާސްގެ ތެރެއަށް ވަނުމަކީވެސް ގާނޫނީ ހަމަތަކުގެ ތެރެއިން ކުރެވޭނެ ކަމެއްނޫން ކަމަށެވެ.
ނަމަވެސް ސުޕްރީމް ކޯޓުން އެގޮތަށް ނިންމި ނަމްވެސް ވަކިން ގާނޫނު އަސާސީ އަށް ބަދަލު ގެންނަން ޖެހޭ ކަމަށް ނުފެންނަ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ ގާނޫނު އަސާސިއަށް ބަދަލު ގެންނަން ޖެހިއްޖެ ނަމަ އެވާހަކަ ބުނާނީ ރައްޔިތުން ކަމަށެވެ.
ޖިނާއީ މައްސަލައަކާ ގުޅިގެން ޖޭއެސްސީން ވަނީ ފަނޑިޔާރު އަބްދުﷲ ދީދީ މިދިޔަ ބުރާސްފަތި ދުވަހު ސަސްޕެންޑްކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ނަޝީދު ޖޭއެސްސީއަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން އެކޮމިޝަނުން އޭނާ ސަސްޕެންޑް ކުރުމުން، ސްޕްރީމް ކޯޓުން ވަނީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށާ، އަބްދުﷲ ދީދީގެ މައްޗައް އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް އަޅައިގެން ނުވާނެ ކަމަށް ބުނެ ޖޭއެސްސީއަށާ ކަމާ ގުޅުން ހުރި އެހެން މުއައްސަސާތަކުގެ މައްޗަށް އަމުރު ކޮށްފައެވެ.