މާލޭގެ ކާނިވާ ސަރަހައްދާއި އަދި ރާޅުގަނޑު ސަރަހައްދަށް އުދަ އަރަމުން ދާތީ ވެހިކަލްތައް ނެގުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
ފުލުހުން ބުނީ، މާލޭ ކާނިވާ ސަރަހައްދާއި ސިނަމާލެ ބްރިޖް ސަރަހައްދާ ދިމާ ރާޅުގަނޑު ސަރަހައްދަށް އުދަ އަރަމުންދާތީ އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށެވެ.
އާންމުންގެ މީހަކު ކޮށްފައިވާ ޓްވީޓުން ފެންނަ ގޮތުގައި މާލޭގެ ރާޅުގަނޑު ސަރަހައްދު ތޮށިގަނޑު މަތިން އުދަ އަރަމުން ދާތަން ސާފުކޮށް ފެނެއެވެ. އުދައާއެކު އެ ސަރަހައްދަށް ލޮނުގަނޑު ހަލުވި މިނެއްގައި ފެތުރިގެން ދާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.
ކާނިވާ ސަރަހައްދަށް އުދަ އެރުމުގެ ސަބަބުން ބޮޑުތަކުރުފާނު މަގަށް ވަނީ އެއްގަމު އުޅަނދުތައް ދުއްވުމަށް އުނދަގޫ ވާވަރަށް ގަލާއި ވެލި އަރާފައެވެ. އުދަ އެރުމުގެ ސަބަބުން މަގުމައްޗާ ހަމައަށް ލޮނުގެ އަސަރު ވެސް ވަނީ ކޮށްފައެވެ. ކާނިވާ ސަރަހއްދުގައި ޕާކްކޮށްފައިވާ އުޅަނދުތަކަށް ވެސް އަރަމުންދާ އުދައިގެ އަސަރު ކޮށްފައި ވެއެވެ.
މީގެ އިތުރުން ދިޔަވަރު ބޮޑުވުމުގެ ސަބަބުން މާލޭގެ އިންޑަސްޓްރިއަލް ޒޯނުގެ ބޮޑުބަޔަކަށް ވެސް ވަނީ އުދައަރާފައެވެ. އިންޑަސްްރިއަލް ޒޯނުގައި ހުރި ގްރޭޓާ މާލެ ބަސް ޓާމިނަލާ ހަމަޔަށް ވަނީ އިއްޔެ އެރި އުދައިގެ އަސަރު ކޮށްފައެވެ. އުދަ އެރުމުގެ ސަބަބުން އިންޑަސްޓްރިއަލް ޒޯނުގައި ހުރި ކުނިބުނި ވަނީ އިންޑަސްޓްރިއަލް ޒޯނުގެ މަގުތައް ބޭނުން ނުކުރެވޭވަރަށް މަގުމައްޗަށް ޖަމާވެފައެވެ.
ދަ ޕްރެސްއަށް މައުލޫމާތު ދެމުން ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން ބުނީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރާއްޖޭގެ ހުރިހާ ހިސާބުތަކަށްވެސް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެން ކަމުން މިކަމަށް ސަމާލު ވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ. ނ މަނަދޫއާއު، ގދ. ފިޔޯރީ، ބ. އޭދަފިށީގެ އިތުރު ރ އުނގޫފާރަށް ވެސް ވަރަށް ބޮޑަށް އުދަ އަރާފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
އިއްޔެ މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ރައްޖޭގެ އުތުރަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ކަނޑުތައް އާންމު ގޮތެއްގައި މަޑުވާނެ ކަމަށާއި އެހެން ނަމަވެސް ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.