އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން މިހާ ބޮޑަށް ހީނަރު ވެގެން ދިޔަ ދުވަސްވަރެއް އައިކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށާ، ނަމަވެސް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ "ބޮޑު އެޖެންޑާ"ގެ ދަށުން މިކަން ބަދަލުކޮށް، ގުޅުން ބަދަހި ކުރެވިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެއެވެ.

ރަޝިޔާގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި އިމްރާން ވިދާޅުވީ މިއަދުގެ ނިޔަލަށް ކިރިގިސްތާނުގައި ކުރިއަށްދާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން ސަމިޓަކީ އިންޑިއާއާއި ގުޅުން ބަދަހި ކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތެއް ކަމަށެވެ. އަދި މި ބައްދަލުވުމަކީ އެހެން ގައުމުތަކާއެކު އާ ގުޅުންތަކެއް ބަދަހި ކުރައްވަންވެސް ލިބިވަޑައިގެންނެވި ފުރުސަތެއްގެ ގޮތުގައި ދެކެވަޑައި ގަންނަވާ ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ އިންޑިއާއާއެކު ސުލްހަ ގާއިމުކުރުމަށް ހުރިހާ ގޮތަކުންވެސް ތައްޔާރު ކަމަށާ، ޕާކިސްތާނުގެ އަމާޒަކީ އަވަށްޓެރި ހުރިހާ ގައުމަކާއެކު ގާތް ގުޅުމެއް ބޭއްވުން ކަމަށެވެ. އިމްރާން ހާން ވިދާޅުވީ އަމާޒަކަށް ވާންވީ ސުލްހަ ކަމަށާ، އެކަން ހާސިލު ކުރަންވީ މަޝްވަރާގެ ތެރެއިންކަމަށެވެ.

ޗައިނާއާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ، ފައިސާ ހަރަދުކުރަންވީ އިންތިހާއަށް ގޮސްފައިވާ ފަގީރުކަމުގެ ތެރެއިން މީހުން ސަލާމަތް ކުރުމަށް ކަމަށާ، ޗައިނާއިން އެފަދަ މަޝްރޫއުތައް ހިންގަމުން ދާކަމަށެވެ.

ޕާކިސްތާނުން ވަނީ އިންޑިއާއާއެކު ސުލްހަ ގާއިމުކުރަން ބޭނުންވާ ކަމަށް ބުނެފައެވެ. ނަމަވެސް މިހާރު ކުރިއަށްދާ ސަމިޓްގައިވެސް ޕާކިސްތާނާއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އިންޑިއާއިން ވަނީ ދެކޮޅު ހަދާފައެވެ.