ޗައިނާގެ މެދުތެރެއާއި ދެކުނުގެ ހިސާބުތަކަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރާގައި މަރުވި މީހުންގެ އަދަދު 60 އަށް ވުރެ މައްޗަށް އަރާ، ރައްކާތެރި ހިސާބުތަކަށް ބަދަލުކުރި މީހުންގެ އަދަދު 356000 އަށް އަރާފައި ވާކަމަށް ޗައިނާގެ ރެސްކިއު އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ޗައިނާގެ މިނިސްޓްރީ އޮފް އެމާޖެންސީ މެނޭޖުމަންޓުން އާންމުކޮށްފައިވާ ބަޔާނުގައިވާ ގޮތުން 9300 އެއްހާ ގެ ވެއްޓިފައި ވާއިރު، ފެންބޮޑުވުމުގެ ސަބަބުން 3.71 މިލިއަން ހެކްޓަރުގެ ދަނޑުބިން ވަނީ ހަލާކު ވެފައެވެ. އަދި މި ވިއްސާރައިގެ ސަބަބުން ސީދާ ގޮތުން ލިބުނު އިގުތިސޯދީ ގެއްލުމުގެ އަގު، މިހާރުވެސް 1.93 ބިލިއަން ޑޮލަރަށް އަރާފައި ވާކަމަށް އެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

ހޫނު މޫސުމުގެ ދުވަސްވަރަކީ ޗައިނާގެ ދެކުނުގެ ހިސާބުތަކަށް ވިއްސާރަކޮށް ފެންބޮޑުވުމުގެ ހާދިސާތައް ހިނގާ ދުވަސްވަރަކަށް ވާއިރު، މިދުވަސްވަރު ދެކުނުގެ ސަރަހައްދުތަކަށް ހަނަފަސްކަން ކުރިމަތިވެއެވެ.