ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކަށް ހާޒިރުނުވާ މެންބަރުންގެ މުސާރައިން ފައިސާ އުނިކުރުމުގެ އުސޫލެއް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށް އެ ގަވާއިދު އިސްލާހު ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މަޖިލީހަށް ހުށަހަޅައިފިއެވެ.

އެޗްއާރްސީއެމުން ބުނީ ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި އެއްގޮތަށް ސަލާމުގެ ޗުއްޓީއާ އާއިލީ ޒިންމާގެ ޗުއްޓީ އަދި ވިހެއުމުގެ ޗުއްޓީގައި ހުންނަ ހުރުމުގެ އިތުރުން މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކަށް ހާޒިރުނުވާ މެންބަރުންގެ މުސާރައިން ފައިސާ އުނިކުރުމުގެ އުސޫލެއް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރުމަށް އެ ކޮމިޝަނަށް ފެންނަ ކަމަށެވެ.

މަޖިލީހުގެ ކޮމިޓީތަކުގައި ބައިވެރިވެ، އެ ކޮމިޓީތަކުގެ މަސައްކަތްތައް ކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ޒިންމާއެއް ކަމަށް ވުމާއި އެކު، ކޮމިޓީ އެލަވަންސްގެ ގޮތުގައި ކަނޑައަޅާފައިވާ 20،000 ރުފިޔާގެ އެލަވަންސް އުނިކުރުމަށް އެޗްއާރްސީއެމުން ވަނީ ހުށަހަޅަފައެވެ.

މަޖިލިސް ގަވާއިދަށް އިސްލާހު ގެނައުމަށް އެޗްއާރްސީއެމުން ވަނީ، މަޖިލިސް މެންބަރުންގެ މުސާރަ މުރާޖައާކޮށް، އިސްލާހު ކުރުމަށް ހުށަހަޅާފައެވެ. އެގޮތުން، އެ ކޮމިޝަނުން ބުނީ ދައުލަތުގެ ބަޖެޓާއި ރާއްޖޭގެ ވަޒީފާރަކަށް ކަނޑައަޅާފައިވާ މުސާރައަށް ބަލާއިރު 87 މެންބަރުންނަށް، ކޮންމެ މެންބަރަކަށް 65،000 ރުފިޔާ އަކީ ވަރަށް ބޮޑު އަދަދެއް ކަމަށެވެ. އަދި މި މެންބަރުންނަކީ ރާއްޖެއިން ބޭރުން މެޑިކަލް އިންޝުއަރެންސްގެ އިނާޔަތް ލިބޭ ބައެއް ކަމަށާއި މި މެންބަރުންގެ މުސާރަ އަލުން މުރާޖައާކޮށް، އިސްލާހުކުރުމަކީ ދައުލަތުން ކުރަން ޖެހޭ އެހެނިހެން ހަރަދުތަކަށް ފައިސާ ލިބޭނެ ގޮތަށް ދައުލަތުގެ ބަޖެޓު އެކުލަވާލުމަށް ކުރަންޖެހޭ މުހިންމު ކަމެއްކަން އެ ކޮމިޝަނުން ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން އެޗްއާރްސީއެމުން ވަނީ ކޮންމެ ދާއިރާގެ މެންބަރަކު ވެސް، އެ ދާއިރާއެއްގެ ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުންނަށް ބޭނުންވާނެ އެހީތެރިކަމެއް ފޯރުކޮށްދޭނެ އޮފީހެއް އެކުލަވާލުމަށް އިސްލާހު ހުށަހަޅާފައެވެ. އެގޮތުގެ މަތިން، މި އޮފީސްތަކުން ކުރާ ހަރަދާއި ކުރަންޖެހޭ މައިގަނޑު މަސައްކަތާއި ބެހޭ މައުލޫމާޓު ހިމެނޭ ރިޕޯޓެއް ކޮންމެ އަހަރަކު މަޖިލީހުގެ ވެބްސައިޓުގައި ޝައިއު ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމަށް އެ ކޮމިޝަނުން ހުށަހަޅާފައިވެއެވެ.