މަސްލަހަތު ފުށުއަރާ ކޮމިޓީއެއްގައި އެއްވެސް މީހަކު ހުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ޝެއިހް އަދީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު ވިދާޅުވީ، މަސްލަހަތު ފުށުއަރާ ކޮމިޓީއެއްގައި އެއްވެސް މީހަކު ހުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ދައުވާ ކުރާ ފަރާތާއި، މައްސަލަ ބަލާ ފަރާތާއި، ހުކުމް ކުރާ ފަރާތަކީ އެކަކު ކަމަށް ވާނަމަ، އޭގައި ދެން އެއްވެސް ހަމައެއް ނޯންނާނެ ކަމަށެވެ. އޭރުން އޮންނާނީ ބަދަލު ހިފުން ކަމަށާއި މިކަން މިހެން ވަނީ އެތިކްސް ނެތީމާ ކަމަށް ޒައިދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީސް ތަމްސީލު ކުރައްވާ ބޭފުޅަކީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ކަމަށް ކަނޑައަޅާފައި ވަނިކޮށް، އެ ކޮމިޝަން ޒިންމާދާރު ކުރުވާ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގެ މެންބަރަކަށް ވެސް އޭނާ ހަމަޖައްސާފައި ވަނީ އިއްޔެއެވެ. ނަމަވެސް، މި ކޮމިޓީގައި ހިސާން ހިމެނިވަޑައިގަތުމަކީ މިހާރު އޮތް ގޮތުން މަސްލަހަތު ފުށުއަރާނެ ކަމެއް ކަމަށް މަޖިލިހުގެ ބައެއް މެންބަރުން ދެކެވަޑައިގަންނަވައެވެ. އެއީ ޖޭއެސްސީ ޖަވާބުދާރީ ކުރުވާ މަޖިލީހުގެ ކޮމިޓީގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުން އެ ކޮމިޝަނަށް ކަނޑައަޅާފައިވާ މެންބަރަކީ ވެސް ހިސާން ކަމަށް ވާތީއެވެ.

މިކަމާއި ގުޅިގެން ހިސާން ވިދާޅުވީ، ޖުޑިޝަރީ ކޮމިޓީ މެންޑޭޓުގައި ހިމެނެނީ ހަމަ އެކަނި ޖޭއެސްސީގެ އޯވާސައިޓް މަސައްކަތް ނޫން ކަމަށެވެ. އަދި އެ މެންޑޭޓުގައި ޝަރުއީ ދާއިރާ އިސްލާހު ކުރަން ގެންނަން ޖެހޭ ބަދަލުތަކާއި، ގާނޫނުތަކާއި މަސައްކަތް ވެސް ހިމެނޭ ކަމަށާއި އެ މަސައްކަތުން ދުރަށް ވަޑައިގަންނަވަން ގަސްތު ނުކުރައްވާ ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.