ޗުއްޓީގައި ހުންނެވި ނަމަވެސް، މައްސަލައެއްގެ ހުކުމް ކުރުމަށް، ފަނޑިޔާރަކަށް އަންގާ، ކޯޓަށް ހާޒިރުވެވޭނެ ފަދަ ހާލަތެއްގައި ހުންނެވި ނަމަ، އެ ޝަރީއަތެއް ނިންމެވުމަށް ބާއްވާ ހުކުމް ކުރުމުގެ ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވެ ވަޑައިގެންނެވޭނެ ކަމަށް ހައިކޯޓުން ބުނެފިއެވެ.
ހައިކޯޓުން މިގޮތަށް ބުނެފައިވަނީ އެ ކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނު ޗުއްޓީގައި ހުންނަވައިގެން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު 77 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައެއް ބައްލަވައި އެ މައްސަލައިން އަދީބު ބަރީއަކުރެއްވި މައްސަލަ ހޫނުވެފައި ވަނިކޮށެވެ.
ހައިކޯޓުން ބުނެފައިވަނީ ކޮންމެ ފަނޑިޔާރަކީވެސް ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އޭނާގެ ހުރިހާ ވަގުތެއް ތަހްސީސްކުރާ މީހަކަށް ވާން ޖެހޭއިރު، ކޯޓުގައި ހުކުމެއް ކުރަން ޖެހޭ ޝަރީއަތެއްގައި ނުވަތަ ވަކި އަދަދެއްގެ ފަނޑިޔާރުން ހިމަނައިގެން ކުރިއަށް ގެންދަން ޖެހޭ ޝަރީއަތެއްގައި ނުވަތަ އެ ނޫންވެސް އެ ފަނޑިޔާރަކު ބައިވެރިކޮށްގެން ނޫން ގޮތަކަށް އެ މައްސަލައިގައި ފައިސަލާ ކުރެވެން ނެތް ކަމަށް ބެލެވޭ ހާލަތްތަކުގައި، ފަނޑިޔާރަކު ޗުއްޓީގައި ހުންނެވިޔަސް، މައްސަލައެއްގެ ހުކުމް ކުރުމަށްޓަކައި، އެފަނޑިޔާރަކަށް ދެންނެވިދާނެ ކަމަށެވެ.
އަދި އެ ފަނޑިޔާރަކަށް ކޯޓަށް ހާޒިރުވެވޭނެ ފަދަ ހާލަތެއްގައި ހުރި ނަމަ، އެ ޝަރީއަތެއް ނިންމެވުމަށް ބާއްވާ ހުކުމް ކުރުމުގެ ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވެވޭނެ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ފެންނާތީ އެ ގޮތުގެ މަތިން އަމަލުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޖޫން 30، 2011 ގައި ނިންމާފައިވާ ކަމަށެެވެ.
އެ ކޯޓުން ބުނީ މި ނިންމުން ނިންމި ފަހުން މިއަދާ ހަމަޔަށް ވެސް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދަނީ އެ ނިންމުމުގައިވާ ގޮތުގެ މަތިން ހުކުމްކުރުމުގެ މަޖިލިސްތަކުގައި ބައިވެރިވެވަޑައިގަންނަވަމުން ކަމަށެވެ.
ޗުއްޓީގައި ހުންނަވައިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްސަލައެއް ނިންމެވި ކަމަށް ބުނެ ޝުޖާއު އުސްމާންގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވެސް ވަނީ ހުށަހަޅާފައެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ޖޭއެސްސީގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ އަދީބު 77 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި ކަމުގެ މައްސަލަ ޝުޖާއު ނިންމަވާފައި ވަނީ ޗުއްޓީގައި ހުންނަވައިގެން ކުއްލިއަކަށް ކޯޓަށް ވަޑައިގެން ކަމަށެވެ.
މީކާއިލް ފޮނުއްވި ސިޓީގައި ވަނީ އަދީބު ކުށުން ބަރީއަ ކުރެއްވުމަށް ފަހު އަނެއްކާ ވެސް ޗުއްޓީ ކުރިއަށް ގެންދެވިކަމަށް ވިދާޅުވެފައެވެ. އަދި މިކަމުގައި ޝުޖާއުގެ އެއްވެސް ސުލޫކީ މައްސަލައެއް އޮތް ނަމަ މިކަން ވީއެންމެ އަވަހަކަށް ބަލައިދިނުމަށް މީކާއިލް ވަނީ އެދިވަޑައިގެންފައެވެ.