މަސްލަހަތު ފުށޫއަރާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ އޯވާސައިޓު މަސައްކަތެއްގައި ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށް ޖޭއެސްސީގެ މެންބަރު އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

ހިސާން ވިދާޅުވީ، ޖުޑިޝަރީ ކޮމިޓީ މެންޑޭޓުގައި ހިމެނެނީ ހަމަ އެކަނި ޖޭއެސްސީގެ އޯވާސައިޓް މަސައްކަތް ނޫން ކަމަށެވެ. އަދި އެ މެންޑޭޓުގައި ޝަރުއީ ދާއިރާ އިސްލާހު ކުރަން ގެންނަން ޖެހޭ ބަދަލުތަކާއި، ގާނޫނުތަކާއި މަސައްކަތް ވެސް ހިމެނޭ ކަމަށާއި އެ މަސައްކަތުން ދުރަށް ވަޑައިގަންނަވަން ގަސްތު ނުކުރައްވާ ކަމަށް ހިސާން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީސް ތަމްސީލު ކުރައްވާ ބޭފުޅަކީ ހިސާން ކަމަށް ކަނޑައަޅާފައި ވަނިކޮށް، އެ ކޮމިޝަން ޒިންމާދާރު ކުރުވާ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގެ މެންބަރަކަށް ވެސް އޭނާ ހަމަޖައްސާފައި ވަނީ އިއްޔެއެވެ. ނަމަވެސް، މި ކޮމިޓީގައި ހިސާން ހިމެނިވަޑައިގަތުމަކީ މިހާރު އޮތް ގޮތުން މަސްލަހަތު ފުށުއަރާނެ ކަމެއް ކަމަށް މަޖިލިހުގެ ބައެއް މެންބަރުން ދެކެވަޑައިގަންނަވައެވެ. އެއީ ޖޭއެސްސީ ޖަވާބުދާރީ ކުރުވާ މަޖިލީހުގެ ކޮމިޓީގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުން އެ ކޮމިޝަނަށް ކަނޑައަޅާފައިވާ މެންބަރަކީ ވެސް ހިސާން ކަމަށް ވާތީއެވެ.

19 ވަނަ މަޖިލީހަށް އަލަށް އުފެއްދި ޖުޑިޝަރީ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޖޭއެސްސީގެ އިތުރުން އެޓާނީ ޖެނެރަލާއި (އޭޖީ) ޕްރޮސެކިއުޓާ ޖެނެރަލާއި (ޕީޖީ) ފަދަ އިސްބޭފުޅުން ޖަވާބުދާރީ ކުރުވުން ހިމެނޭއިރު، މިހާރުގެ އޭޖީ އިބްރާހިމް ރިއްފަތާއި ހިސާނަކީ ކުރިން އެއް ލޯ ފާމެއް ހިންގެވި ދެ ބޭފުޅުންނަށް ވުމުން، އޭޖީ ޖަވާބުދާރީ ކުރުވާ ކޮމިޓީއެއްގައި ހިސާން އިންނެވުމަކީ ވެސް މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ބައެއް މެންބަރުން ދެކެވަޑައިގަންނަވައެވެ.