ހައިކޯޓުގެ ފަނޑިޔާރު ޗުއްޓީގައި ހުންނަވައިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްސަލައެއް ނިންމެވިކަމަށް ބުނެ އޭނާގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިއަދު ހުށަހަޅައިފިއެވެ.

މި މައްސަލަ ހުށަހަޅުއްވާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމެވެ. އޭނާ ޖޭއެސްސީގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ އަދީބު 77 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި ކަމުގެ މައްސަލަ ޝުޖާއު ނިންމަވާފައިވަނީ ޗުއްޓީގައި ހުންނަވައިގެން ކުއްލިއަކަށް ކޯޓަށް ވަޑައިގެން ކަމަށެވެ.

އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވަން ނިންމި މައްސަލަ، ކުއްލި މައްސަލައެއްގެ ގޮތުގައި މިއަދު މަޖިލީހަށް ހުށަހަޅުއްވަމުން ވެސް މީކާއިލް ވަނީ ފާއިތުވި ދެ ހަފްތާ ތެރޭގައި އަދީބުގެ މައްސަލަތައް ވަރަށް ކުއްލި ގޮތަކަށް ޖުޑިޝަރީން ނިންމާ، އޭނާ 77 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައެއް ކުއްލި ގޮތަށް ޗުއްޓީގައި ހުންނެވި ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނު ކުއްލިއަކަށް އޮފީހަށް ނުކުންނަވާ އަދީބު އެ މައްސަލައިން ބަރީއަ ކޮށްދެއްވާފައިވާ ކަމަށް ވިދާޅުވެފައެވެ.

މީކާއިލް ފޮނުއްވި ސިޓީގައި ވަނީ އަދީބު ކުށުން ބަރީއަ ކުރެއްވުމަށް ފަހު އަނެއްކާ ވެސް ޗުއްޓީ ކުރިއަށް ގެންދެވިކަމަށް ވިދާޅުވެފައެވެ. އަދި މިކަމުގައި ޝުޖާއުގެ އެއްވެސް ސުލޫކީ މައްސަލައެއް އޮތް ނަމަ މިކަން ވީއެންމެ އަވަހަކަށް ބައްލަވައިދެއްވުމަށް މީކާއިލް ވަނީ އެދިވަޑައިގެންފައެވެ.

މިދިޔަ މަސް ތެރޭގައި އަދީބުގެ މައްޗަށް އިއްވާފައިވާ 33 އަހަރުގެ ޖަލު ހުކުމްތައް ވަނީ ކޯޓުތަކުން ބާތިލް ކޮށްފައެވެ. އަދި އޭގެ ތެރެއިން ދެ މައްސަލައެއް އަލުން ބަލަން ކުރިމިނަލް ކޯޓަށް ހައިކޯޓުން އެންގި ނަމަވެސް، އެ މައްސަލަ އެގޮތަށް ބެލެވެން ނެތްކަމަށް ބުނެ އަލުން ވަނީ ޕީޖީއަށް ފޮނުވާފައެވެ.