އެންވާރަމަންޓް މިނިސްޓްރީ އާއި ބައިކް މޯލްޑިވްސް ގުޅިގެން "ސާފު ވަޔަށް ބައިސްކަލް" ގެ ނަމުގައި ބައިސްކަލު ދުއްވުމުގެ ހަރަކާތެއް ބާއްވައިފިއެވެ.
ދުނިޔޭގެ ތިމާވެށި ދުވަހާ ގުޅިގެން މިއަދު ހަވީރު ހުޅުމާލެ ފެރީ ޓާމިނަލުގައި ބޭއްވި މި ހަރަކާތް ފަށްޓަވައި ދެއްވަމުން އެންވަޔަރަމަންޓް މިނިސްޓާ ޑރ. ހުސައިން ރަޝީދު ވިދާޅުވީ، ވައި ތަގައްޔަރުވާ މިންވަރު މާލެ ފަދަ އާބާދީ ބޮޑު، ތޮއްޖެހިފައިވާ ސަރަހައްދުތަކުގައި އިތުރުވަމުންދާ ކަމަށެވެ. އަދި މާލެ ސަރަހައްދުގައި މީހާރު 58 ހާސް އިންޖީނުލީ އުޅަނދު ރަޖިސްޓާކޮށްގެން ދުއްވާ ކަމަށާއި އަދި އެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދުނީޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މާލޭގެ ވައިގައި އެ ޖަމިއްޔާއިން ކަނޑައަޅާފައިވާ މިންވަރަށް ވުރެ 10 ޕަސެންޓް އިތުރަށް ވިހަ މާއްދާތައް ހިމެނޭކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި ހަރަކާތް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ އިންޖީނުލީ އުޅަނދުތަކުން ޖައްވަށް ބޭރުކުރަމުންދާ ވިހަ ގޭސްތައް މަދުކޮށް ތިމާވެށްޓާ ރައްޓެހި އުޅަނދުތައް ބޭނުންކުރުމަށް ހިތްވަރުދީ އާންމުންގެ މެދުގައި ބައިސްކަލު ދުއްވުމުގެ ޝައުގުވެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ހުޅުމާލެ ފެރީ ޓާމިނަލުން ފެށްޓި މި ހަރަކާތުގައި އާންމުންގެ ގިނަ ބަޔަކު ބައިވެރިވެފައިވާ އިރު މި ހަރަކާތް ނިންމާލާފައިވަނީ ސޯޝަލް ސެންޓަަރަށެވެ.
ކޮންމެ އަހަރެއްގައި ޖޫން މަހުގެ ފަސްވަނަ ދުވަހު ތިމާވެށި ދުވަހުގެ ގޮތުގައި ފާހަގަ ކުރެވެމުން ދާ އިރު މިއަހަރުގެ ދުނިޔޭގެ ތިމާވެށި ދުވަހުގެ ޝިއާރަކީ "އެއާ ޕޮލިއުޝަން" ނުވަތަ "ވައިގެ ތަޣައްޔަރުކަން" މިއެވެ. މި ޝިއާރުގެ މައިގަނޑު މަގްސަދަކީ ދުނިޔޭގެ ވައި ތަގައްޔަރުވަމުންދާ މިންވަރާއި، އެ ކަމުގެ ސަބަބުން އިންސާނުންގެ ސިއްހަތަށާއި ވެއްޓަށް ލިބެމުންދާ ގެއްލުންތަކާ މެދު ހޭލުންތެރި ކަން އިތުރުކުރުން ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.