2007 ވަނަ އަހަރު މާލޭގެ ފަޅު ތެރޭގައި މަރުވެފައި އޮއްވާ ފެނިގެން ވަޅުލި، ހަށިގަނޑަކީ، ހުސައިން ސޮލާހުގެ ހަށިގަނޑުކަން ކަން ދައުލަތުން އާއިލާއަށް ޔަގީން ކޮށްދޭން ޖެހޭ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް ވިދާޅުވީ، 2007 ވަނަ އަހަރު ހިނގި، ސ. ހިތަދޫ ނާޒުކީގެ ހުސެއިން ސޮލާހުގެ މަރުގެ މައްސަލައާ ގުޅިގެން މާލޭ އާސަހަރާގައި ވަޅުލާފައި އޮތީ އޭނާގެ ހަށިގަނޑު ކަމެއް މިއަދު ވެސް އޭނާގެ އާއިލާއަށް ޔަގީން ނޫން ކަމަށެވެ.
އަސްލަމް ވިދާޅުވީ، ސޮލާހުގެ ބޭބޭ ޒަރީރު ވަނީ ދާދި ފަހުން ވެސް، ވަޅުލާފައި ވަނީ ސޮލާހުގެ ހަށިގަނޑު ކަން އާއިލާއަށް ޔަގީން ނުވާކަމަށް އަސްލަމް ގާތު ބުނެފައި ކަމަށެވެ. އަސްލަމް ވިދާޅުވީ، އެންމެ ކުޑަ މިނުން ވަޅުލާފައި ވަނީ ސޮލާހުގެ ހަށިގަނޑުތޯ ނުވަތަ ނޫންތޯ ދައުލަތުގެ ކޮންމެ ވެސް އެއް މުއައްސަސާއަކުން، ކޮންމެވެސް ހިސާބަކުން އާއިލާ އަށް ކަށަވަރުކޮށް ދޭން ޖެހޭ ކަމަށެވެ.
އަސްލަމް ވިދާޅުވީ، ސޮލާހު ޖަލުގައި ހުއްޓާ، މާލޭ ފާޅު ތެރެއިން މަރުވެފައި އޮށްވާ ފެނުނު ހަށިގަނޑަކީ އޭނާ ކަމަށް ބުނެފައި ވާއިރު، ސީސީޓީވީން ކެމެރާއަކުން ވެސް އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު އާއިލާއަށް ދެއްކުމެއް ނެތި ވަޅުލާފައި ވާއިރު، އޭރުގެ މަޖިލީހުން އެކަން ބެލިއިރު ކަން ހިނގަފައިވާ ގޮތާއި ދިމާނުވާ ކަމަށާއި އެކަން ފޮރުވުމުގައި ފުލުހުންގެ ދައުރެއް ވެސް އޮތް ކަމަށް އޭނާ ތުހުމަތު ކުރައްވައެވެ.
ނޭނގޭ މަރެއް އެއްވެސް އިރަކު ހިނގާފައިވާ ކަމަށް ވާނަމަ އެމައްސަލަ އެއް ބަލަން ޖެހޭނެ ކަމަށް އަސްލަމް ވިދާޅުވެފައި ވެއެވެ. އަދި މަރުގެ މައްސަލަތައް ބެލުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ބަލަނީ 2012 ވަނަ އަހަރުން ފެށިގެން ހިނގާފައިވާ މަރުގެ މައްސަލަތައް ކަމަށް ވެސް އަސްލަމް ވިދާޅުވެފައި ވެއެވެ.
އަސްލަމް މިހެން ވިދާޅުވީ، މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނާއި ދައުލަތުގެ ފައިސާ އަށް ހިޔާނާތްތެރި ވެފައިވާ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނަށް ގާނޫނީ ބާރު ދިނުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ރިޔާސީ ކޮމިޝަން ބިލަށް ބަހުސް ކުރައްވަމުންނެވެ.