ފަނޑިޔާރުންނަށް އިނާޔަތް ދިނުމާ ގުޅޭ ގޮތުން ނިމިގެންދިޔަ 18 ވަނަ މަޖިލިހުގައި ފާސްކުރި ފަނޑިޔާރުންގެ ގާނޫނަށް ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވި އިސްލާހުގެ ބިލު މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މި ބިލަކީ މިދިޔަ މަޖިލީހުން ފާސްކުރުމަށް ފަހު ތަސްދީގުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް ފޮނުއްވި ބިލެކެވެ. ނަމަވެސް ރައީސް ވަނީ މި ބިލު އަނބުރާ މަޖިލިހަށް ފޮނުއްވާލައްވާފައެވެ.

މިއަދުގެ ޖަލްސާގައި ވަނީ ފަނޑިޔާރުންގެ ގާނޫނަށް ގެނައި މި އިސްލާހުގެ ބިލު ވެސް ބޭރުކޮށްލާފައެވެ.

މިދިޔަ މަޖިލީހުގައި މި ބިލް ދިރާސާކުރުމަށް ފަސްމެންބަރުންގެ ވަގުތީ ކޮމިޓީއަކުން 10 މިނެޓް ތެރޭގައި ބިލު ދިރާސާކޮށް ނިންމުމަށްފަހު ޖަލްސާގެ އެޖެންޑާގައި ބިލު ދިރާސާ ކުރި ގޮތުގެ ރިޕޯޓް ހިމެނިއެވެ. މި ބިލު ފާސްކުރުމަށް 25 މެންބަރުން ވޯޓު ދެއްވާފައެވެ. އަދި މި ބިލާ ދެކޮޅަށް 20 މެމްބަރަކު ވޯޓު ދެއްވި އިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެންބަރަކު އެއިރު ތިއްބެވިއެވެ.

މި އިސްލާހުގައިވާ ގޮތުން 2008 ވަނަ އަހަރު އަމަލުކުރަން ފެށި އާ ގާނޫނު އަސާސީގެ ދަށުން ފަނޑިޔާރު ކަމުގެ މަގާމުން ވަކިވާ ކޮންމެ މީހަކަށާ ފަނޑިޔާރު ކަމުގެ މަގާމު ނިމުމަކަށް ގެނެވޭ އުއްތަމަ ފަނޑިޔާރަށް ވެސް ދައުލަތުގެ ފަރާތުން ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒްތަކެއް ލިބިދޭން ޖެހެއެވެ.

މުހައްމަދު ރަޝީދު އިބްރާހިމަކީ ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމާއެކު ޝަރަފުވެރިކަމާއެކު އުއްތަމަ ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގެންނެވި ފުރަތަމަ ބޭފުޅާއެވެ.