ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތް ދިނުމަށް ފާސްކުރި ބިލު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެެ.

އޭދަފުށީ ދާއިރާގެ ޕީޕިއެމް މެންބަރު އަހުމަދު ސަލީމް މިދިޔަ މަޖިލީހަށް ހުށަހެޅުއްވި ބިލް މިދިޔަ މަޖިލީހުން ފާސްކުރި އިރު، ނައިބު ރައީސްކަން ކުރެއްވި ބޭފުޅަކަށް ދައުލަތުން މަހަކު 35،000 ރުފިޔާގެ އިނާޔަތެއް ދިނުމަށް ނިންމިއެވެ. ނަމަވެސް މި ބިލް ތަސްދީގު ކުރައްވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް ފޮނުއްވުމުން، ބިލް ތަސްދީގު ނުކުރައްވާ ރައީސް ވަނީ އަލުން ވިސްނުމަށް ބިލް މަޖިލީހަށް ފޮނުއްވާފައެވެ.

ނައިބު ރައީސުންނަށް އިނާޔަތްދޭ ބިލު މަޖިލީހަށް އަލުން ހުށަހެޅި އެއަށް ތިން ޖަލްސާއެއްގައި ބަހުސް ކުރުމަށްފަހު، މަޖިލީހުން އެ ބިލް ބޭރުކޮށްލާފައި ވަނީ 74 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލް ފާސްކުރަން ދެ މެންބަރަކު ވޯޓު ދެއްވި އިރު، ވަކިގޮތަށް ވޯޓު ނުދެއްވާ ހަތަރު މެންބަރުން ތިއްބެވެ.

18 ވަނަ މަޖިލީހުގައި މި ބިލާ އެއްކޮޅަށް އެއިރު ތިބި ސަރުކާރުގެ މެންބަރުން ތާއިދުކޮށް ވާހަކަ ދެއްކި ނަމަވެސް، އާ މަޖިލީހުގެ ގިނަ މެންބަރުން ވަނީ ބިލާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.

އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހުށަހަޅައިފައިވާ ބިލުގައި ވަނީ ކުރީގެ ނައިބު ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް 35000 ރުފިޔާގެ އިނާޔަތާ ރައްކާތެރިކަން ދޭގޮތަށެވެ. އަދި ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމާއި، މާލޭގައި އެއްގަމު ދަތުރުފަތުރު ކުރުމުގެ ވަސީލަތްތައް ސަލާމަތީ ބާރުތަކުން ހަމަޖައްސައި ދިނުމުގެ އިތުރުން ބޭނުން ޖެހިއްޖެ ހާލަތެއްގައި ސަލާމަތީ ހިދުމަތް ދިނުމަށް މި ބިލުގައިވެއެވެ.

މި ބިލުގައި ވާ ގޮތުން ކުރީގެ ނައިބު ރައީސުންނަށް އިނާޔަތް ލިބޭނީ ދައުލަތުގެ މަގާމެއް ނުވަތަ ވަޒީފާއެއް އަދާނުކުރައްވާ ނަމައެވެ. ބިލް ފާސްވި ނަމަ ޑރ. މުހައްމަދު ޖަމީލް އަހުމަދަށާއި، މުހައްމަދު ވަހީދުއްދީނަށާއި، އަބްދުﷲ ޖިހާދަށް އިނާޔަތާ ރައްކާތެރިކަން ދޭން ޖެހޭނެއެވެ.