ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފި ނަމަ، އެނބުރި ރާއްޖެއަށް ވަޑައި ނުގަންނަވާނެކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް އަދީބު ފޮނުވާ މައްސަލައިގައި ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ އަދީބަކީ ދިވެހިރާއްޖެ ނުދެކޭފަދަ ބޮޑެތި ކުއްތަކެއް ކުރިކަމަށް ޖުޑިޝަރީން ކަނޑައަޅާފައިވާ ފަރާތެއް ކަމަށެވެ. އަދި އޭނާއަކީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލައިގައި ހިމެނޭ ބައެއް މީހުން ރާއްޖެއިން ވަގަށް އޭނާ އިމިގްރޭޝަނާއި ހަވާލުވެ ހުންނެވި އިރު ފުރުވާލިކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ބޭފުޅެއް ކަމަށް ވެސް މީކާއިލް ވިދާޅުވިއެވެ.

މީގެ އިތުރުން އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ވެސް އެކަމުގައި ހިމެނޭ މީހުންގެ މައްސަލަ ބެލުމުގެ ކުރިން ވަގަށް ފުރުވާލަން މަދަރު ވެރިވި ކަމަށް ތުހުމަތު ކުރެވޭ ބޭފުޅެއް ކަމަށް މީކާއިލް ވިދާޅުވިއެވެ.

"މިކަންކަމާއި ގުޅިގެން އަދީބު ވަނީ އިއްޔެގެ ވަގުތެއްގައި މަރު ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށް ބަޔާން ނަގާފައިވާކަމަށް މައުލޫމާތު ލިބޭ. ފާއިތުވި ދެ ހަފްތާ ތެރޭގައި އަދީބުގެ މައްސަލަތައް ވަރަށް ކުއްލި ގޮތަކަށް ޖުޑިޝަރީން ނިންމާ، އޭނާ 77 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައެއް ކުއްލި ގޮތަށް ޗުއްޓީގައި ހުންނެވި ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނު ޗުއްޓީގައި ހުންނަވައިގެން ކުއްލިއަކަށް އޮފީހަށް ނުކުންނަވާ އަދީބު އެ މައްސަލައިން ބަރީއަކޮށްފައިވޭ،"
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް

އޭނާ ވިދާޅުވީ މާދަމާއަކީ މި ހުރިހާ ކަމަކުން އަދީބު ބަރީއަވެ މިނިވަންވެ ފުރޭނެ ދުވަސްކަމަށް ވާއިރު، ކަރެކްޝަންސް އިން އޭނާ ކުއްލިގޮތަށް މިއަދުން މިއަދަށް ފުރުވާލަން ނިންމި މައްސަލައަކީ މަޖިލީހުގެ ސަމާލުކަމަށް ގެންނަން ޖެހޭ މައްސަލައެއް ކަމަށެވެ.

އަދި އަދީބު ރާއްޖެއިން ފުރައިގެން ގޮސްފިނަމަ އެއީ ދައުލަތަށް އޮތް ނުރައްކަލެއް ކަމަށް ދެކޭ ކަމަށާއި، މަޖިލީހުން އެދިވަޑައިގަންނަވަނީ ކޮމިޝަނާ އޮފް ޕްރިޒަންސް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރެއްވުމަށް ކަމަށެވެ.

"އަދީބު ފުރާވަޑައިގެންފި ނަމަ ކޮމިޝަނާއާއި ކަރެކްޝަންސް އިން ކޮން ފިޔަވަޅެއްތޯ އަޅާނީ އޭނާ ފިލަޔަ ނުދޭން. މި މަޖިލީހުގެ އެއްވެސް މެންބަރަކަށް އޮޅިވަޑައިގެން ނުހުންނަވާނެ އޭނާ ފުރާ ވަޑައިގެންފި ނަމަ އޭނާ އަނބުރާ ރާއްޖެ ނުގެނެވޭނެ،"
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް

މީކާއިލް ވިދާޅުވީ ދައުލަތުން ގެއްލިފައިވާ ފައިސާ ކޮންމެވެސް އެއް ޒަމާނެއްގައި އަނބުރާ ހޯދިދާނެ ކަމަށާއި، ނަމަވެސް އަދީބު ފުރައިގެން ގޮސްފިނަމަ މަރުތަކާއި ގުޅޭ ހަގީގަތެއް ދެން ހޯދިދާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ކަރެކްޝަނުން ބުނީ، އަދީބުގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް މެޑިކަލް ބޯޑުން ލަފާދީފައިވާތީ ކަރެކްޝަންސް އިން އެ ހުއްދަ ދީފައިވާ ކަމަށެވެ.