އުމުރުން ދެ އަހަރުން ފެށިގެން ޕްރީ ސްކޫލް ތައުލީމު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ ގޮތަށް، ޕްރީސްކޫލް ހިންގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ޕްރީސްކޫލުގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީގެ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދެވެ. މި ބިލުގެ މަގުސަދަކީ ތުއްތު ކުދިންނަށް ޅަފަތުގައި ތައުލީމުގެ ފުރުސަތު ވީހާވެސް ފުލާކޮށްދިނުން ކަމަށް ބުނެފައިވެއެވެެ.
14 މާއްދާއެއް ހިމެނޭ މި ބިލުގައި ބުނެފައިވަނީ، އަމިއްލަ ފަރާތްތަކަށް އެކަން ކުރުމުގެ ފުރިހަމަ އިހުތިޔާރާއި ބާރު ލިބިދޭން ޖެހޭ ކަމަށެވެ. މީގެ އިތުރުން ހުރިހާ ކައުންސިލްތަކާއި، ދިވެހި ކުންފުނިތަކުންނާއި، ޖަމިއްޔާތަކުންނާއި އަމިއްލަ ފަރުދުނާއި ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ޕްރީސުކޫލު އުފައްދާ ހިންގާ ކުދިންނަށް ޅަފަތުގެ ތައުލީމް ވީހާވެސް ފުޅާ ދާއިރާއެއްގައި ލިބިދޭންޖެހޭ ކަމަށެވެ.
މިހާރު އޮންނަ ގޮތުން ޕްރީސްކޫލްގެ ތައުލީމު ދޭން ސަރުކާރުން ފަށަކީ އެލްކޭޖީން ފެށިގެންނެވެ. އަދި ޕްރީސްކޫލްގެ ދެ އަހަރު ސަރުކާރުން ހިލޭ ކިޔަވައިދޭ އިރު، ޕްރީސްކޫލް ހިންގަނީ ސަރުކާރުގެ ސްކޫލްތަކުގެ ބެލުމުގެ ދަށުންނެވެ. އަދި އަމިއްލަ ފަރާތްތަކަށް ބޭބީ ނާސަރީ އަދި ނާސަރީ ހިންގުމުގައި މިހާރު އޮތް ގާނޫނުގެ ދަށުން ހުރަހެއް ނެތެވެ.
މިހާރު އަމަލު ކުރަމުންދާ ފްރީ ސްކޫލް ހިންގުމުގެ ގާނޫނަކީ 2012 ވަނަ އަހަރު އަމަލު ކުރަންފެށި ގާނޫނެކެވެ.