ރާއްޖޭގެ ކޯޓުތަކާއި ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ފިޔަވައި، ޝަރުއީ ދާއިރާއާ ގުޅުން ހުރި އެހެނިހެން ހުރިހާ މައްސަލަތައް ބެލުމުގެ ބާރު ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީއަށް ދިނުމަށް މަޖިލީހުގެ ވަގުތީ ކޮމިޓީން ނިންމައިފިއެވެ.

ޖުޑީޝަރީ ކޮމިޓީ އަކީ މަޖިލީހަށް އަލަށް އިތުުރު ކުރި ދާއިމީ ފަސްކޮމިޓީގެ ތެރެއިން އެއް ކޮމިޓީއެވެ. ޖުޑިޝަރީ ކޮމިޓީއަކީ ކޯޓުތަކަށް ހާއްސަ ކޮމިޓީއެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ދާއިމީ، އާ ފަސް ކޮމިޓީ އެކުލަވާލަން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ކޯޓުތަކަށް ޚާއްސަ، ޖުޑީޝަރީ ކޮމިޓީއެއް ވެސް ވަނީ އުފައްދާފައެވެ. މީގެކުރިން ޖުޑީޝަރީ އާއި ބެހޭ ކަންތައްތައް ބަލަމުން އައީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ.

އަަލަށް އެކުލަވާލި ޖުޑީޝަރީ ކޮމިޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހާއި ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އާއި މޯލްޑިވްސް އާބިޓްރޭޝަން ސެންޓަރުގެ ކަންކަން ބެލުން ކޮމިޓީގެ މަސްއޫލިއްޔަތު އެ ކޮމެޓީގައި ހިމަނާފައިވެއެވެ. މީގެ އިތުރުން ވެސް ޝަރުއީ ދާއިރާއާ ގުޅޭ ކަންކަން އެކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުުރުން ކޮމިޓީތަކުގެ މަސްއޫލިއްޔަތުގެ ދާއިރާގެ ތެރޭގައި ހިމެނޭ މުއައްސަސާގެ މެމްބަރުން ޖަވާބުދާރީ ކުރުވުމާއި އަހަރީ ރިޕޯޓު ހުށަހަޅާތޯ ބެލުމާއި ކޮމިޓީ އަށް ހުށަހަޅާ މައްސަލަތައް ދިރާސާކޮށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ލަފާ ދިނުން ކޮމިޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެއެވެ.

ޝަރުއީ ދާއިރާއާ ގުޅުން ހުރި ބިލުތައް ދިރާސާކޮށް ފުރިހަމަ ކުރުމަށް މަޖިލީހަށް ރިއާޔަތް ކޮށްދިނުމާއި މުއައްސަސާތަކަށް އައްޔަން ކުރުމަށް މަޖިލިހުން ރުހުން ދީފައިވާ ބޭފުޅުންގެ ތެރެއިން މަގާމުން ވަކިކުރަން ޖެހޭ ބޭފުޅަކާ ގުޅޭ ގޮތުން މަޖިލިހަށް ލަފާ ދިނުން ވެސް ޖުޑީޝަރީ ކޮމިޓީގެ މަސްއޫލިއްޔަތު ތެރޭގައި ވަނީ ހިމަނާފައެވެ.