ރައީސް ކެބިނެޓަށް އައްޔަން ކުރައްވާ ވަޒީރުން ކަނޑައެޅުމުގެ ކުރިން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރަން ޖެހޭ ގޮތަށް ނިންމައިފިއެވެ.

މިހާރު އޮންނަ ގޮތުން ރައީސް ވަޒީރުންގެ މަޖިލީހަށް އައްޔަން ކުރައްވާ ވަޒިރުންގެ ނަން ފާސްކުރަން ހުށަހަޅަނީ މަޖިލީހުގެ ތަޅުމަށެވެ. އަދި ތަޅުމުގައި އެ ވަޒީރަކަށް ރުހުން ދިނުމުގެ ކަންކަން ކުރިއަށް ގެންދެއެވެ.

ނަމަވެސް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމާފައި ވަނީ، ވަޒީރުން މަގާމަށް އައްޔަން ކުރުމަށްފަހު، ނަން ފާސްކުރެއްވުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވާލުމުގެ ކުރިން އެ ވަޒީރަކު ގާބިލުތޯ ކޮމިޓީ މެދުވެރިކޮށް ބެލުމަށެވެ. އެގޮތުން ވަޒީރު ކޮމިޓީއަށް ހާޒިރުކޮށް ކޮމިޓީއަށް ސުވާލުކުރެވޭ ގޮތަށް ވަނީ އުސޫލަށް ބަދަލު ގެނެސްފައެވެ.

ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާ ވަޒީރު ކޮމިޓީއަށް ހާޒިރުކޮށް، އެ މަގާމަކަށް އެމީހަކު ގާބިލުކަން ނުވަތަ ނޫންކަން ބެލުމާއި، އައްޔަން ކުރެވޭ ދާއިރާގެ މައުލޫމާތު އެމީހަކަށް ލިބިގެންވޭތޯ އަދި ދާއިރާއާއި ގުޅޭ ގޮތުން އެއްވެސް ތަޖުރިބާއެއް ހުރިކަން ނުވަތަ ނޫންކަން ކޮމިޓީން ބަލާނެއެވެ.

މީގެ އިތުރުން އައްޔަން ކުރެވޭ ދާއިރާ ކުރި އެރުވުމަށްޓަކައި ވަޒީރުގެ ތަސައްވުރާ ބެހޭގޮތުން ކޮމިޓީގެ މަރުހަލާގައި ސުވާލުކޮށް، އުސޫލުތަކެއްގެ މަތިން ވަޒީރެއްގެ ޒާތީ މައުލޫމާތާއި ފަންނީ މައުލޫމާތު ހޯދާ ބެލުމަށް ކޮމިޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެއެވެ.