އެގައުމުން މުއްސަނދިކޮށް ފައްކާކޮށްފައިވާ ޔުރޭނިއަމް އުފައްދާ މިންވަރު އީރާނުން އިތުރު ކުރަމުންދާކަމަށް އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަގުވާމީ އިދާރާ (އައި.އޭ.އީ.އޭ)އިން ބުނެފިއެވެ.

ކަންމިހެން އޮތް ނަމަވެސް، އީރާނުގެ ނިއުކްލިއާ މަޝްރޫއުގެ މައްސަލައާ ގުޅިގެން 2015 ވަނަ އަހަރު އެކުލަވާލި ބައިނަލްއަގުވާމީ ފެންވަރުގެ އެއްބަސްވުމުގެ އިންތައް ހުރަސް ކުރާ ހިސާބަށް އީރާނުން ދާނީ ކިހާ މުއްދަތެއްގެ ތެރޭގައިކަން އަދި ސާފު ނުވާކަމަށް އައި.އޭ.އީ.އޭގެ އިސްވެރިޔާ ޔޫކިޔާ އަމާނީ ވަނީ ވިދާޅުވެފައެވެ.

މިދަނޑިވަޅަކީ، އީރާނާ ދެކޮޅަށް އެމެރިކާއިން ތަންފީޒުކުރަމުންދާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން، އީރާނުން ކުރިންވެފައިވާ ބައެއް އެއްބަސްވުންތަކާ ޚިލާފަށް އެގައުމުން އަމަލުކުރާނެ ކަމުގެ އިންޒާރު، އީރާނުން ދީފައިވާ ދަނޑިވަޅެކެވެ.

އަމާނޯ ވިދާޅުވީ އީރާނުގެ ނިއުކްލިއާ މަޝްރޫއުގެ މައްސަލައާ ގުޅިގެން ކަންކަން މިހާރު ނުތަނަވަސްވެފައިވާ ގޮތުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި މަޝްވަރާތަކަށް ދިއުމަށް ވެސް އަމާނޯ ވަނީ ގޮވާލައްވާފައެވެ.

މިކަމަށް ޖަވާބުދާރީވެވަޑައިގެން، އީރާނުގެ ހާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފު ވިދާޅުވީ، ނުތަނަވަސްކަން ކުޑަކުރެވެން އޮތް ހަމައެކަނި ގޮތަކީ އެމެރިކާއިން ކުރަމުންދާ "އިގުތިސޯދީ ހަނގުރާމަ" ހުއްޓުމަކަށް ގެނައުން ކަމަށެވެ.

އެމެރިކާއިން ދަނީ އަރަބި ގަލްފް ކަނޑުގެ ސަރަހައްދުގައި އެގައުމުގެ އަސްކަރީ ހަރަކާތްތައް ވަރުގަދަކުރަމުން/ފޮޓޯ: އީޕީއޭ

ދުނިޔޭގެ ބޮޑެތި ބާރުތަކާ އީރާނުން 2015 ވަނަ އަހަރު އެކުލަވާލި ސުލްހައިގެ އެއްބަސްވުމުން އެމެރިކާ ވަކިވީ މިދިޔަ އަހަރުއެވެ. އެއަށްފަހު އީރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް ބައިނަލްއަގުވާމީ ފެންވަރުގައި އެމެރިކާއިން އަޅަމުންދާއިރު، އީރާނުގެ ދާހިލީ، އިގުތިސޯދީ އަދި ސިޔާސީ މަސްރަހަށް އެކަމުގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ. ހަމަ މިއާއެކު، އެމެރިކާއިން މިހާރު ދަނީ އަރަބި ގަލްފް ކަނޑުގެ ސަރަހައްދުގައި އެގައުމުގެ އަސްކަރީ ފިޔަވަޅުތިޔަ ވަރުގަދަ ކުރަމުންނެވެ.