ރައްޔިތުންގެ މަޖިލީހުގެ ދެބައިކުޅަ އެއްބައި ޖަލްސާއަށް މެންބަރަކު ހާޒިރުނުވާނަމަ އެ މެންބަރަކަށް ފުރިހަމަ މުސާރައާއި އިނާޔަތް ނުލިބޭ ގޮތަށް ހެދުމަށް އަދާލަތު ޕާޓީން މަޖިލީހޫގެ ގަވައިދަށް އިސްލާހު ހުށަހަޅައިފިއެވެ.

އިސްލާހު ހުށަހަޅަން އާންމުކޮށް ހުޅުވާލި ފުރުސަތުގައި އަދާލަތު ޕާޓީން ހުށަހަޅާފައި ވަނީ، މަޖިލީހުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތައް ލިބޭނީ، އެ މަހެއްގައި ބާއްވާ މަޖިލީހުގެ ޖަލްސާތަކުގެ މަދުވެގެން ދެބައިކުޅަ އެއްބައި ޖަލްސާއަށް ހާޒިރުވާ މެންބަރުންނަށެވެ. އެ ޕާޓީން ބުނީ މި އިސްލާހު ހުށަހެޅުމުގެ ބޭނުމަކީ މެންބަރުންގެ މުސާރައަކީ އެމެންބަރަކު މަޖިލީހުގައި ކުރާ މަސައްކަތާ ގުޅުންހުރި މުސާރައެއް ކަމުގައި ހެދުން ކަމަށެވެ.

އަދާލަތު ޕާޓީން ވަނީ، މަޖިލީހުގައި ކޮމިޓީ އެލަވަންސް ދިނުމާއި ގުޅިގެން ވެސް އިސްލާހެއް ހުށަހަޅާފައެވެ. އެއީ ކޮމިޓީ އެލަވަންސްގެ ގޮތުގައި ދެވޭ އިނާޔަތް އެމަހެއްގައި މަދުވެގެން ކޮމިޓީގެ 3 ބައްދަލުވުން ބާއްވާ، އެ ބައްދަލުވުންތަކުގެ މަދުވެގެން ދެބައިކުޅައެއްބައި ބައްދަލުވުމަށް ހާޒިރުވާ މެންބަރުންނަށް ލިބޭ ގޮތަށް ހުށަހަޅާފައިވާ އިސްލާހެކެވެ. އެ ޕާޓީން ބުނީ މި އިސްލާހު ހުށަހެޅުމުގެ ބޭނުމަކީ ވެސް މެންބަރުންގެ މުސާރައަކީ އެމެންބަރަކު މަޖިލީހުގައި ކުރާ މަސައްކަތާ ގުޅުންހުރި މުސާރައެއް ކަމުގައި ހެދުން ކަމަށެވެ.

މީގެ އިތުރުން އެ ޕާޓީން މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި، މަޖިލީހުގެ ކޮމިޓީތަކަށް ޕެޓިޝަން ހުށަހެޅުމުގެ ފުރުސަތު، ރައްޔިތުންނަށް ލިބިދިނުން ހިމެނެެއެވެ. އަދި މަދުވެގެން 1500 ދިވެހި ރައްޔިތުންގެ ސޮޔާއެކު މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާއިފިނަމަ، އެ ޕެޓިޝަނަކާމެދު ބަހުސްކުރުމަށް ޕެޓިޝަން ހުށަހަޅާތާ 14 ދުވަސްތެރޭގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ވެސް އެޕާޓީން ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. އެ ޕާޓީން ބުނީ މިއީ ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށާއި އެކަމަށް ހުރި ހުރަސްތައް މަދު ކުރުމަށް އަދި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ދައުލަތުގެ ބާރުތަކުގެ ސަމާލުކަމަށް ގެނެވޭނެ ފުރުސަތު ހޯދުމަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ.

އަދާލަތު ޕާޓީން، 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ގިނަ އިސްލާހުތަކެއް ހުށަހަޅާފައިވާއިރު، 19 ވަނަ މަޖިލީހުގައި އެ ޕާޓީގެ އެއްވެސް މެންބަރަކަށް ގޮނޑިއެއް ލިބިފައެއް ނުވެއެވެ. 18 ވަނަ މަޖިލީހުގައި ވެސް ހުންނެވީ އެ ޕާޓީގެ އެންމެ މެންބަރެކެވެ. އެއީ މަކުނުދޫ ދާއިރާގެ މެންބަރު ކަމުގައި ހުމްމެވި އަނާރާ ނައީމެވެ.