މުޅި ސަރުކާރު ދަނީ އާއިލީ ވެރިކަމެއްގެ ތެރެއަށް ކަމަށާއި، މަޖިލީހުގައިި ކޮމިޓީއެއް ނެގިޔަސް އޮތީ އާއިލާކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

ޖާބިރު މިގޮތަށް ވިދާޅުވެފައި ވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ އަގުލަބިއްޔަތު އެމްޑީޕީއަށް ލިބިވަޑައިގަތުމާއި ގުޅިގެންނެވެ.

ޖާބިރު ވިދާޅުވީ މިއަދު އާއިލާއާ އެއްކޮށް ސަރުކާރު ހިންގާ އިރުގައި، އާއިލީ ވެރިކަމަކަށް މުޅި ރާއްޖެ ޑިޒައިންވެގެން މިދާ ދިޔުމުގައި މަޖިލިސް ތެރެއިން ވެސް ފެންނަނީ އާއިލީ ގޮތް ކަމަށެވެ. އަދި ކޮމިޓީއެއް ނެގިޔަސް ފެނިވަޑައިގަންނަވަނީ އާއިލާ ކަމަށާއި، މިކަމުގައި ޖަވާބުދާރީ ކުރާނެ ގޮތެއް މަޖިލީހުގެ ރައީސް ވިދާޅުވެދެއްވަން ޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ.

އެއްއާއިލާއަކުން ގައުމު ހިންގަންޔާ ދެން އެހެންބަޔަކު މިތާ ތިބޭނެކަމެއް ނެތްކަމަށް އަޅުގަނޑަށް ފެންނަނީ. އެކައުންޓަބިލިޓީ މިކަމުގައި ނެތް
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

މަޖިލީހުގެ ސުޕަ މެޖޯރިޓީއާއެކު އެމްޑީޕީން މަޖިލީހުގެ ރައީސްކަމަށް، ރައީސް ނަޝީދު އައްޔަން ކުރެއްވި އިރު، މަޖިލީހުގެ ނައިބު ރައީސް ކަމަށް އައްޔަންކުރައްވާފައިވަނީ ނަޝީދަށް ބޮޑުބޭބޭފުޅު ވިދާޅުވާ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އިވާ އަބްދުﷲއެވެ.

މި މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވާ އިރު، 30 އަހަރު ދުވަހުގެ އާއިލީ ވެރިކަމެއް ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރި އެމްޑީޕީއާއި އެމްޑީޕީ އިސްވެރިން މިހާރު އަމާޒު ހިފާފައިވަނީ އާއިލީ ވެރިކަމަށް ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.