ހުޅަނގު އައްސޭރީގެ ބިމުން ބައެއް ނަމަވެސް އެނެކްސްގެ ގޮތުގައި އިސްރާއީލަށް "ނެގުމުގެ ހައްގު" އިސްރާއީލަށް އެބައޮތް ކަމަށް އެމެރިކާއިން އިސްރާއީލަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޭވީޑް ފްރީޑްމަން ވިދާޅުވެއްޖެއެވެ.

ނިއު ޔޯކް ޓައިމްސްގައި ޝާއިއުކޮށްފައިވާ ބަސްދީގަތުމެއްގައި ފްރީޑްމަން ވިދާޅުވީ، ވަކި ހާލަތްތަކެއްގައި، ހުޅަނގު އައްސޭރީގެ ބިމުން ބައެއް ނަމަވެސް އިސްރާއީލުގެ ދަށުގައި ބޭއްވުމުގެ ހައްގު އިސްރާއީލަށް ލިބިފައިވާކަމަށް ގަބޫލުކުރައްވާކަމަށާ، ނަމަވެސް މުޅި ހުޅަނގު އައްސޭރިއަށް ނެގިދާނެ ކަމަށް ދެކެވަޑައިނުގަންނަވާކަމަށެވެ.

މިދަނޑިވަޅަކީ އިސްރާއީލާ ފަލަސްޠީނު ސުލްހަ ކުރުމުގެ ނަމުގައި އެމެރިކާ މެދުވެރިއެއްގެ ގޮތުގައި އޮވެގެން ސުލްހައިގެ ޕްލޭނެއް އެކުލަވާލަމުންދާ ދަނޑިވަޅަކަށްވާއިރު، ފްރީޑްމަންގެ މި ވާހަކަފުޅާއެކު، އެމެރިކާގެ އެއްބަސްވުމަކާ ދުރަށް ފަލަސްޠީނު ވަކިން ބޮޑަށް ޖެހެމުންދާނެކަމަށް މަސްއޫލުވެރިން ލަފާކުރެއެވެ.

ސުލްހައިގެ މަޝްވަރާތަކުގައި ފަލަސްޠީނުގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އޮފިޝަލެއް ކަމަށްވާ ސާއިބު އުރައިގާތު ވިދާޅުވީ، މިފަދަ ސިޔާސަތަކީ އިސްރާއީލުން ގެންގުޅޭ އިސްތިއުމާރީ އަޅުވެތިކަމުގެ ޣައިރު ގާނޫނީ ޕްލޭނަށް އެމެރިކާއިންވެސް އެއްބާރުލުން ދިނުން ފަދަ ސިޔާސަތެއް ކަމަށެވެ.

ފްރީޑްމަންގެ ވާހަކަތަކަށް ރައްދުދެއްވަމުން ޕަލަސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)ގެ އެގްޒެކެޓިވް މެމްބަރެއް ކަމަށްވާ ހަނާން އަޝްރާވީ ވިދާވީ މިއީ ބިމެއް ވަގަށް ނެގުމަށްފަހު އެއީ އިންސާފުން ކުރި ކަމެއް ކަމަށް ސާބިތުކޮށްދިނުން ފަދަ ކަމެއް ކަމަށެވެ.

1967 ވަނަ އަހަރުގެ 6 ދުވަހުގެ ހަނގުރާމައަށްފަހު އިސްރާއީލާ ފަލަސްޠީނުގެ ބިމުގެ މިލްކުވެރިކަމުގެ މައްސަލާގައި އުފެދިފައިވާ ވަރުގަދަ ދެބަސްވުންތަކަށް އަދިވެސް ވަނީ ސުލްހަވެރި ހައްލެއް ނުހޯދިފައެވެ.