ޒަމާނީ ފެންވަރަށް ފަރުމާކޮށްފައިވާ ހައި-ޓެކް ބޮމުގެ ބައިތައް އުފެއްދުމުގެ ހުއްދަ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ސައުދީ އަރަބިއްޔާއަށް ދެއްވާފައިވާމަށް ބުނާ ޚަބަރުތަކެއް ފެންމަތިވެއްޖެއެވެ.

ޓްރަމްޕް މި ހުއްދަ ދެއްވާފައި ވަނީ، އަސްކަރިއްޔާ ހަތިޔާރު އުފެއްދުމުގެ އެއްބަސްވުމެއް ސައުދީ އަރަބިއްޔާއަށް ދޫކޮށްލެއްވުމަށް ގާނޫނު ހަދާ މަޖިލީސް ހުރަސްކުރައްވާ ޓްރަމްޕް ތަސްދީގުކުރެއްވި ކުއްލި ނުރައްކަލުގެ ގަރާރުގެ ތެރެއިން ކަމަށް މައުލޫމާތު ލިބެއެވެ.

މި އެއްބަސްވުން ބުނާ ގޮތުގައި، ލޭޒާ ޓެކްނޮލޮޖީގެ އެހީގައި އަމާޒުކުރެވޭ ބޮން އުފެއްދުމަށް ބޭނުންވާ ޓެކްނޮލޮޖީ، ސައުދީއާއި ހިއްސާކުރުމުގެ އިޒުނަ، އެމެރިކާގެ އަސްކަރީ ހަތިޔާރު އުފައްދާ ކުންފުނި – ރޭތިއޯންއަށް ލިބެއެވެ. މިއާއެކު ސްމާޓް ޓެކްނޮލޮޖީ ބޮމުގެ ބައިތައް ރޭތިއޯން ކުންފުންޏަށް އުފައްދާދިނުމުގެ ފުރުސަތު ސައުދީ އަރަބިއްޔާއަށް އެބައޮތެވެ.

މިދަނޑިވަޅަކީ ސައުދީ އިސްވެ އޮވެ ޔަމަނަށް ދެމުންދާ އަސްކަރީ ހަމަލާތަކުގެ ސަބަބުން އިންސަނީ ދަރިފަސްކޮޅެއް ހާލުގައި ޖެހި ކާރިސާއެއްގެ ތެރެއަށް ވެއްޓިފައިވާ ދަނޑިވަޅެއް ކަމުން ޚުދު ޓްރަމްޕަށް ތާއީދުކުރައްވާ ބައެއް އޮފިޝަލުން ވަނީ މި ނިންމެވުމަށް ދެކޮޅު ހައްދަވާފައެވެ.

ސައުދީ ކޯލިޝަނުން ހޫތީން ބަލިކުރުމުގެ ނަމުގައި ޔަމަނަށް އަޅަމުންދާ ބޮންތަކުގައި "އެމެރިކާގެ އުފެއްދުމެއް" ޖަހާފައި އޮންނަ މައްސަލައަކީ އެމެރިކާގެ ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިއުންތަކެއް އަމާޒުކުރުވާ ކަމަކަށް އޮތީ ވެފައެވެ.