އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުންދިޔަ 4 ޓޭންކަރަށް ދިން ހަމަލާތަކާ ދައުލަތަކާ ގުޅުންތަކެއް ވާކަމަށް، ޔޫ.އޭ.އީއިން އދގެ ސަލާމަތީ މަޖިލީހަށް ބުނެފިއެވެ.

މެއި 12 ވަނަ ދުވަހުގެ ހަމަލާތަކާ ގުޅިގެން އދގެ ސަލާމަތީ މަޖިލީހަށް ޔޫ.އޭ.އީއިން ހުށަހެޅި ބަޔާނުގައި ބުނެފައިވަނީ މި ހަމަލާތަކަކީ، ދުރާލާ ރާވައިގެން ދީފައިވާ މަތީ ފެންވަރުގެ ހަމަލާތަކެއްކަން ސާބިތު ކުރެވޭ ވަރަށް ހެކި ފެންނަން އެބަހުރި ކަމަށެވެ.

ނޯވޭއާއި ސައުދީ އަރަބިއްޔާގެ ކަނޑުބޯޓުފަހަރަށް އަމާޒުވި މި ހަމަލާތައް ގުޅެނީ ކޮން "ދައުލަތެއް"ކަން ޔޫއޭއީއިން ހާމަކޮށްފައެއް ނުވެއެވެ. މި 4 ބޯޓުގެ ތެރެއިން 2 ބޯޓު ނިސްބަތްވަނީ ސައުދީ އަރަބިއްޔާއަށެވެ. އަނެއް ބޯޓަކީ ނޯވޭގެ ބޯޓަކަށްވާއިރު، 4 ވަނަ ބޯޓުގައި ނަގާފައިވަނީ ޔޫއޭއީގެ ދިދަކަމަށް ޚަބަރު ލިބެއެވެ.

މިއީ އީރާނުގެ ހަމަލާތަކެއް ކަމަށް އެމެރިކާއިން ތުހުމަތުކުރާއިރު، އީރާނުގެ ސަރުކާރުންވަނީ މި ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އަދި މި ހަމަލާތަކުގެ ތަހުގީގެއް ހިންގުމަށްވެސް އީރާނުންވަނީ ގޮވާލާފައެވެ.

މި ހަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވި ނަމަވެސް، ބޯޓުފަހަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ސައުދީ އަރަބިއްޔާއިންވަނީ ބުނެފައެވެ.

މި ހަމަލާތައް ދީފައިވަނީ ޑައިވަރުން ބޭނުންކޮށްގެން ބޯޓުގެ އަޑިން ގޮވުންތަކެއް ގޮވާ ގޮތަށް ކަމަށާ، ނަމަވެސް މާ ބޮޑު ގޮވުމެއް ފެނުން މައްޗަށް ނުގޮވާ ގޮތަށް ކަމަށް ޔޫއޭއީއިން ތައްޔާރުކުރި ހުށަހެޅުމުގައި ވަނީ ފާހަގަކޮށްފައެވެ.

މި ހަތަރު ބޯޓަކީވެސް ތެޔޮ އުފުލުމުގައި ހަރަކާތްތެރިވަމުންދިޔަ ކަނޑުބޯޓުފަހަރުކަމަށް މައުލޫމާތު ލިބެއެވެ.