ރާއްޖޭގެ ޝަރުއީ ދާއިރާ މިހާރު ތިބި ބަޔަކާއެކު އިސްލާހެއް ނުކުރެވޭނެ ކަމަށް ވިދާޅުވެ، ކެންދޫ ދާއިރާގެ މެންބަރު އަލި ހުސައިން ފަނޑިޔާރުންނަށް ނުސީދާ ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

އަލީ ހުސައިން ފަނޑިޔާރުންނަށް ނުސީދާ ގޮތަކަށް ބަހުގެ ހަމަލާތަކެއް ދެއްވާފައި ވަނީ، ސަރުކާރުގެ ދައުވަތަކަށް ވަޑައިގެން އުޅުއްވާ ސައުތު އެފްރިކާގެ ކޮންސްޓިޓިއުޝަނަލް ކޯޓުގެ ރިޓަޔާޑް ޖަސްޓިސް ޔޮހާން ކްރީގްލާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދެއްކި ކަމަށް އެ ކޯޓުންނާއި ޖުޑީޝަލް ސާވިސް ކޮމިޝަމުން ވިދާޅުވެފައިވަނިކޮށެވެ.

އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޢައިރު ގަނޫނީ އަމުރުތަކަށް ތަބާވެ ރައްޔިތުންނަށް އަނިޔާ ކުރަން ދަސްވެފައި ތިބި ބަޔަކާއި، ވިދާޅުވި ވީމާ ވިދާޅުވި ގޮތަކަށް ދައުވާ ކޮށްކޮށް ތިބި ބަޔަކާއި، ނީލަމުގެ އުސޫލުން ނުވަތަނަ ގަންނަ ބިރުން ތައްގަނޑު ޖަހާ ސޮއި ކުރަން އާދެވެފައި ތިބި ބަޔަކާއެކު އިސްލާހެއް ނުކުރެވޭނެ ކަމަށެވެ.

ސުޕްރީމް ކޯޓަށް ކްރީގްލާ ޝަރުއީ ދާއިރާ އަށް ބިރުދައްކައި އިންޒާރުދީފައިވާ ކަމަށް ސުޕްރީމް ކޯޓުން ބުނެ ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ ޝަރުއީ ދާއިރާއަށް ދިމާވެފައި ހުރި ގޮންޖެހުންތަކުގެ ވާހަކަ ވަރަށް ތަފްސީލު ކޮށް ޔޮހާން އަށް ކިޔައި ދިނީމާވެސް އޭނާ ޝަރުއީދާއިރާއަށް ބިރު ދައްކާފައި ވާކަމަށެވެ.

އެގޮތުން ކްރީގްލާގެ ވާހަކައިގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން މަގާމުން ވަކި ކުރުމުގެ ޕްލޭނެއް އޮތް ކަމަށާއި، ހުތުރުކޮށް އަދި އިހާނެތިގޮތެއްގައި ފަނޑިޔާރުން ބޭރު ކުރުމުގެ ކުރިން މަގާމު ދޫކޮށްލުން ފަދަ ގޮތެއް އިހުތިޔާރު ކުރުން ރަނގަޅުވާނެ ކަމަށާއި، ގާނޫނުއަސާސީ ބަދަލު ކޮށްގެން ވިޔަސް ފަނޑިޔާރުގެ އަލުން އެކުލަވާލާނެ ކަމަށާއި، ސިޔާސީ ބާރުތަކާއި ފަނޑިޔާރުގެއާ ދެމެދުގައި މިހާރު އޮތީ ކުރިމަތިލުމެއް ކަމަށާއި އެ ކުރިމަތިލުމުން ފަނޑިޔާރުގެއަށް ލިބޭނީ ބޮޑު ނާކާމިޔާބީއެއް ކަމަށް ތަކުރާރުކޮށް ވިދާޅުވިކަމަށް ސުޕްރީމް ކޯޓުން ބުނެފައިވެއެވެ.

އަދި އޭނާ ތައްޔާރުކުރައްވައި ހުށަހަޅުއްވާ ރިޕޯޓުގައި ރާއްޖޭގެ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް އޭނާ ރެކޮމެންޑް ކުރައްވާނެކަމަށް ވެސް ވިދާޅުވެ، ދިވެހި ދައުލަތުގެ ސިޔާދަތީ ބާރުތަކުގެ ތެރެއިން އެއް ބާރުކަމުގައިވާ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރަށް ވަރަށް ސަރީހަ އިބާރާތުން ބިރު ދައްކަވައި އިންޒާރު ދީފައިވާ ކަމަށް ސްޕްރީމް ކޯޓުގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

19 ވަނަ މަޖިލީހަށް އަލުން ހޮވި ވަޑައިގެން، އަލީ ހުސައިން ވިދާޅުވެފައިވަނީ 19 ވަނަ މަޖިލީހުން ކުރަން އޮތް އެންމެ މުހިންމު މަސައްކަތަކީ ފަނޑިޔާރުގެ އިސްލާހުކުރުން ކަމަށެވެ. އަލީ ހުސައިނަކީ ފާޅުގައި ސުޕްރީމް ކޯޓާއި ޝަރުއީ ދާއިރާއަށް ފާޑުވިދާޅުވާ ގާނޫނީ ވަކީލެކެވެ. އަދި މި މައްސަލަތަކުގައި އޭނާގެ ވަކީލުކަމުގެ ހުއްދަ ވެސް އެތައް ފަހަރެއްގެ މަތިން ހިފެހެއްޓިއެވެ.