އިންޑިއާގެ ބޮޑު ވަޒީރު ރާއްޖެ ވަޑައިގެން މަޖިލީހުގައި ތަގުރީކުރައްވާ ވަގުތަކީ ދެ ނަމާދު ދޭތެރެ ހަމަޖެއްސުމުން، އެކަމާ އިދިކޮޅު މެންބަރުން ކަންބޮޑުވުން ފާޅުކުރައްވަން ފަށައިފިއެވެ.

ދެވަނަ ދައުރަކަށް އެ ގައުމުގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވިފަހުން، ސްޓޭޓް ވިޒިޓެއްގައި ނަރެންދްރަ މޯދީ ވަޑައިގަންނަވާ ދެވަނަ ގައުމަކީ ރާއްޖެއެވެ. އަދި މި ދަތުރުފުޅުގައި މަޖިލީހުގައި ތަގުރީކުރެއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ އިރު އޮއްސި 6:45 ގައެވެ. މިގޮތަށް ނިންމީ މަޖިލީހުގައި ނެގި ވޯޓަކުން 80 މެންބަރުން އެގޮތަށް ފާސްކޮށްގެންނެވެ.

ނަމަވެސް މޯދީގެ ތަގުރީރު ކުރައްވާ ވަގުތު ދެ ނަމާދު ދޭތެރެއަށް ވަންނާތީ، އެކަމާ އިދިކޮޅު މެންބަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އާ މަޖިލީހުގެ ޖަލްސާތައް ފެށި ނަމާދު ގަޑިއަށް މެދު ނުކަނޑާތީ އެ މައްސަލަ ހޫނެވެފައިވަނިކޮށް އަނެއްކާ ވެސް އިދިކޮޅު މެންބަރުންގެ ކަންބޮޑުވުމަކީ ދެ ނަމާދު ދޭތެރޭގައި އަދި ހަ ދުވަހުގެ ރޯދަ ނުނިމެނީސް އެ ވަގުތުގައި މަޖިލީހުގެ ޖަލްސާ ބޭއްވުމެވެ.

އިދިކޮޅު ޕީޕިއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވަނީ ދިވެހި ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގައި އިންޑިއާގެ ބޮޑުވަޒީރު ތަގުރީރު ކުރައްވާ ޖަލްސާ ދެ ނަމާދު (މަޢްރިބު އަދި އިޝާ) ދޭތެރޭއަށް ވާގޮތަށް މަޖިލިސް ރައީސް އެޖެންޑާ ކުރެއްވުމުގެ މަޖުބުރު ކަމަކީ ކޮބައިތޯ ސުވާލު އުފައްދަވާފައެވެ.

"ދީނާއި ސިޔާސަތު ވަކިކުރުމުގެ ވިސްނުންފުޅެއް ގެންގުޅުއްވާ ކަހަލަ"
ޝިޔާމް ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.
https://www.facebook.com/adamshareefz/posts/2597407753627013

މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރު އާދަމް ޝަރީފް އުމަރު ވެސް ވަނީ މިކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ މޯދީ ރާއްޖެ ވަޑައިގަތުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެއީ ދެ ގައުމުގެ ގުޅުން ބަދަހީވާކަމެއް ނަމަވެސް، މޯދީ ތަގުރީ ކުރެއްވުމަށް ދެ ނަމާދު ދޭތެރޭގައި މަޖިލިސް ޖަލްސާއެއް ބޭއްވުމަކީ ރާއްޖޭގެ އާދަކާދައާ ސަގާފަތާ ބީރައްޓެހި ކަމެއް ކަމަށެވެ. އަދި ހަ ދުވަހުގެ ރީދަ ހިފާ މީހުންނަށް ތަކުލީފުތަކެއް ކުރިމަތިވެދާނެ ކަަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ގަޑީގައި މަޖިލިސް ޖަލްސާ ބާއްވާތީ ކަންބޮޑުވޭ. އިންޑިއާއިން ވެސް ރާއްޖޭގެ ސަގާފަތަށް އިހުތިރާމް ކުރާނެ. އަދި ދިވެހި ސަރުކާރުން މާބޮޑަށް އެކަންކަމަށް ބައްލަވާނެ ކަމަށް އުއްމީދު ކުރަން. ބޮޑަށް ގަބޫލު ކުރެވެނީ ސްޓޭޓް ވިޒިޓެއްވީމަ އެހެން ވަގުތެއް ނުލިބުނީ ކަމަށް. އިންޑިއާއެކު ގުޅުން ބަދަހީ ކުރުމަށް ތާއިދު ކުރަން"
މަޖިލީހުގެ ޖަލްސާއަށް ވަޑައިގަންނަވާނެ ކަމަށް ވެސް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

މަހިބަދޫ ދާއިރާގެ ޕީޕިއެމް މެންބަރު ތޯރިގު ވިދާޅުވީ ދީނާއި ސިޔާސަތު ވަކި ކުރާ، ސެކިއުލާ ވިސްނުމަށް ވަކާލާތުކުރާ ފަރާތްތަކުން ރާއްޖެ، ސެކިއުލާ ސްޓޭޓަކަށް ބަދަލު ކުރުމުގެ ފުރަތަމަ ފިޔަވަޅަކީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މަޢްރިބު ނަމާދާއި އިޝާ ނަމާދާއި ދޭތެރެއަށް ހަމަޖެއްސުުން ކަމަށެވެ. އޭނާ ވިދާޅުވީ ތުރުކީގެ ކުރީގެ ރައީސް މުސްތަފާ ކެމަލް އަތާތުރުކު ގެނައި ފަދަ ބަދަލުތަކެއް ދިވެހި ރާއްޖެއަށް ގެންނަތަން ބަލަން ތިބެންވީތޯ ސުވާލު އުފައްދަވާފައެވެ.

މީގެ އިތުުުރުން އިންޑިއާގެ މުސްލިމުންނަށް ދެމުންދާ ލާ އިންސާނީ އަމަލުތަކާ ދެކޮޅަށް އިހިތިޖާޖު ކުރުމުގެ ގޮތުން މޯދީ، ރައްޔިތުންގެ މަޖިލީހުގައި ތަގްރީރު ކުރައްވާއިރު ތަޅުމުގައި މަޑު ނުކުރައްވާނެކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ތޯރިގު ވިދާޅުވީ މޯދީ މަޖިލީހުގައި ތަގުރީރުކުރައްވަން ފެންނަ ކަމަށް މަޖިލީހުގައި ނެގި ވޯޓުގައި އޭނާ ބައިވެރިވެވަޑައި ނުގަންނަވާ ކަމަށެވެ. އަދި އަންނަ ހޮނިހިރު ދުވަހު މަޖިލީހުގައި މޯދީ ތަގުރީރު ކުރެއްވުމުގެ ކުރިން ޖަލްސާ ދޫކުރައްވާ ވަޑައިގަންނަވާނެ ކަމަށެވެ.

https://www.facebook.com/ahmed.thariq/posts/10156818748675589

ހޮނިހިރު ދުވަހު މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި، ރައްޔިތުން މަޖިލީހުގައި ތަގުރީރު ކުރައްވަން މަޖިލީހުގެ ގިނަ މެންބަރުން ވަނީ ތާއިދުކުރައްވާފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެދުމުގެ މަތިން، މޯދީ މަޖިލީހުގައި ތަގުރީރު ކުރެއްވުމާއި ގުޅޭގޮތުން މެންބަރުންނާއި މަޝްވަރާ ކުރެއްވުމަށް ފަހު، ގޮތް ނިންމީ 80 މެންބަރުންގެ ވޯޓާއި އެކުގައެވެ.

މިއީ މޯދީ ރާއްޖެ ވަޑައިގަންނަވާ ދެވަނަ ދަތުރުފުޅެވެ. މޯދީ ފުރަތަމަ ރާއްޖެއަށް ވަޑައިގެންނެވީ ރައީސް ސޯލިހު މަގާމުގެ ހުވާކުރެއްވި ހަފުލާއަށެވެ.