ސްޓޫޑަންޓް ލޯނަށް ހުށަހެޅި ދަރިވަރުންގެ ތެރެއިން ލޯނު ލިބޭ ދަރިވަރުން އަންނަ މަހު ހަތަރު ވަނަ ދުވަހުގެ ކުރިން، އިއުލާން ކުރާނެ ކަމަށް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ބުނެފިއެވެ.

މިއަދު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ، ލޯނަށް އެދި ހުށަހަޅާފައިވާ ދަރިވަރުންގެ ތެރެއިން، ލޯނު ލިބުނު ދަރިވަރުންގެ ނަންތައް ސަރުކާރު ބަންދު ނޫން 20 ދުވަސް ތެރޭ އިއުލާން ކުރާނެ ކަމަށެވެ. އެއީ، ލޯނު ލިބިފައިވާ ދަރިވަރުންގެ ކިޔެވުން އިތުރަށް ލަސް ވިޔަ ނުދިނުމަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ލޯނަށް އެދި ހުށަހަޅާފައިވާ ދަރިވަރުންގެ ތެރެއިން، ލޯނު ލިބިފައި ނުވާ ދަރިވަރުންނަށް ލޯނު ނުލިބުނު ސަބަބު، އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންގަން ފަށާނެ ކަމަށެވެ. އަދި މިކަމާއި ގުޅިގެން ދަރިވަރުންގެ ހިތުގައި އުފެދިދާނެ، ޝައްކެއް ނުވަތަ ސުވާލެއް އޮތް ނަމަ އޮޅުން ފިލުވައިދިނުމަށް ސެޝަންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

މަތީ ތައުލީމް ހާސިލްކުރުމަށް އިންޓަރެސްޓް ކުޑަ ލޯނު ހަމަޖައްސައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ދުަވހުގެ ވައުދުގެ ތެރޭގައި ހިމެނޭ އެއް ކަމެވެ. މިއީ މި ސަރުކާރުން ސްޓޫޑަންޓް ލޯނުގެ އެހީގައި ބޭރަށް ކިޔަވަން ދާން ހުޅުވާލި ފުރަތަމަ ފަހަރަށް ވުމާއި އެކު، އަންނަ މަހުގެ ކުރިން ސްޓޫޑަންޓް ލޯނަށް ނަގާ އިންޓަރެސްޓްގެ މިންވަރު ކުޑަކުރަން ވެސް މި ސަރުކާރުން ވަނީ ނިންމަައިފަައެވެ.