ޖަޒީރާ ރާއްޖެއެއްގެ ގޮތުގައި ރާއްޖެ ތަރައްގީކުރުމުގެ ތަސައްވުރު ބިނާވެފައިއޮތީ ދެމެހެއްޓެނިވި، ދުޅަހެޔޮ ރާއްޖެއެއްގެ ގޮތުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖަޒީރާ ރާއްޖެއެއްގެ ގޮތުގައި ރާއްޖެ ތަރައްގީކުރައްވާނީ ދެމެހެއްޓެނިވި، ދުޅަހެޔޮ ކަންމަތީ ކަމަށެވެ. އަދި ތިމާވެށީގެ ދުވަސް މިއަދު ފާހަގަކުރަމުން ދާއިރު، މަންޒިލަށް ވާސިލުވުމަށްޓަކައި ކުރައްވަން ހުރި މަސައްކަތް އަދިވެސް ގިނަ ކަމަށް ރައީސް ވަނީ ރައްޔިތުންނަށް ހަނދާން ކޮށްދެއްވާފައެވެ.

މީގެ އިތުރުން ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ރައީސް ވަނީ ހިތާބެއް ދެއްވާފައެވެ. އެގޮތުން، ރައީސް ވިދާޅުވީ، ތިމާވެށްޓާ ރަޙްމަތްތެރި ވައްޓަފާޅިއަކަށް، ދިރިއުޅުމުގެ އާދަތައް ބަދަލުކުރުމަކީ، ފަރުދީ ފެންވަރުގައި ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއް ކަމަށެވެ. އަދި ވައި ސާފުވުމާއި ވައި ތަޣައްޔަރުވުމަކީ، ދިރިހުރުމާ ގުޅިފައިވާ ކަމެއް ކަން ގަބޫލުކޮށް، ނޭވާ ލާން ބޭނުންކުރާ ވައި، އަމިއްލަ އަތްތަކުން ތަޣައްޔަރު ނުކުރާ ބަޔަކަށް ވުމަށް ރައީސް ސޯލިހް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ސިނާއީ ބޮޑެތި ކާރުހާނާތައް ނެތެއް ކަމަކު، އެއްގަމާއި ކަނޑާއި ވައިގެ ދަތުރުފަތުރު ތަކަށް ރާއްޖޭގައި ބޭނުންކުރާ އުޅަނދު ތަކުން، ޖައްވަށް ބޭރުވާ ވިހަ ދުމުގެ ބާވަތްތަކާއި މިންވަރު މަދު ނޫން ކަމަށެވެ. އަދި އާބާދީގެ ބޮޑު އިންސައްތައެއް، ވެރިރަށް މާލެއަށް ތޮއްޖެހިފައިވާ އިރު، އެ އެންމެން ނޭވާލާން ޖެހިފައި ވަނީ، އެއްގަމު އުޅަނދުތަކުގެ ވިހަ ދުމުން ތަޣައްޔަރު ވެފައިވާ ވައިގެ ތެރެއަށް ކަމަށާއި މާލެ ސަރަޙައްދުގައި އެކަނިވެސް، 60،000 އަށް ވުރެ ގިނަ، އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެ ތަރައްގީކުރުމުގެ ނަމުގައި ތިމާވެށި ސުންނާފަތިކޮށް، މި ރާއްޖޭގެ ޖަޒީރާވަންތަކަން ނަގައިލުމަކީ ސަރުކާރުގެ ސިޔާސަތު ނޫން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް، ތިމާވެށީގެ ހިމާޔަތަށް މުހިންމު ފިޔަވަޅުތަކެއް އަޅައިފައިވާ ކަމަށެވެ. ތޮއްޖެހިފައިވާ މާލެ ފެހިކޮށް، ވައި ސާފު ރަށަކަށް ބަދަލު ކުރުމަށްޓަކައި މާލޭގައި ހުސްޖާގަތައް ހަދައި، ޕާކް ކުރުމަށް ލުއިފަސޭހަ ގޮތްތައް ހޯއްދަވައިދެއްވަމުން ގެންދަވާ ކަމަށާއި، ތިމާވެށްޓާ ރަޙްމަތްތެރި ދަތުރުފަތުރުގެ ނިޒާމެއް ތަރައްގީކުރައްވައި، މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަކީ ވެސް ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ.