3 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހުޅުމާލެއިން ހައްޔަރު ކުރި ދެމީހުން ދޫކޮށްލުމުން އަނެއްކާ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ 3 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި 2 މީހުން ދޫކޮށްލުމަށް ކޯޓުން އެންގުމުން ދޫކޮށްލައިފައި ވަނިކޮށް އަނެއްކާ ކޯޓު އަމުރެއްގެ ދަށުން އެމީހުން ހައްޔަރުކޮށްފައި ވާކަމަށެވެ. ފުލުހުން ބުނީ މި ދެމީހުން ހައްޔަރުކޮށްފައި ވަނީ އެމީހުން ދިރި އުޅޭ ގެއިން ރޭ ދަންވަރު 03:17 ހާއިރު ކަމަށެވެ.

އަދި މީގެ ކުރީގައި އެމީހުން ދޫކޮށްލަން ކޯޓުން އަމުރު ކޮށްފައިވަނީ ކޯޓު އަމުރު ފުރިހަމަ ނުވާ ކަމަށް ކޯޓުން ނިންމާފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ކޯޓުން އެ 2 މީހުން ދޫކޮށްލީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ހ ގެ 12 ވަނަ ނަންބަރަށް ރިޔާއަތް ކޮށް ކޯޓު އަމުރުގެ ހުރިހާ ގަނޑެއްގައި ގާޒީގެ ނަމާއި ސޮއި އަދި ތައްގަނޑު ޖަހާފައި ނެތުމުން ކަމަށް ބުނެއެވެ. ފުލުހުން އެދިގެން ހޯދި ކޯޓު އަމުރުގައި ސޮއި އޮތީ ހަމަ އެކަނި ފަހު ގަނޑުގައެވެ.

ފުލުހުން މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 25 އަހަރުގެ މީހަކާއި 52 އަހަރުގެ މީހެކެވެ. މި ދެމީހުންނަކީވެސް ދިވެހިންނެވެ.