އީދު ދުވަހަށް ހާއްސަކޮށް ބޯކިބަ އެޅުމަކީ އިހުޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި މަގުބޫލު ކަމެކެވެ. ފަހު ރޯދަ ހިފާ ދުވަހުގެ ރޭ ގިނަ މީހުން މި ބޯކިބަ ތައްޔާރު ކުރާނެއެވެ. ރޭގަނޑު މި ބޯކިބަ ތައްޔާރުކޮށްފަ ނިދާ ސަބަބަކި އީދު ދުވަހު ހެނދުނު 7 ޖަހާއިރު އީދު ނަމާދަށް ދިއުމަށް ހޭބޯނާރާ ތައްޔާރުވަމުން ދާއިރު ބަދިގެއަށް ވަދެ ކައްކާނެ ވަގު އަންހެން ވެރިންނަށް ނުވާނެތީ ކަމުގައި ވެދާނެއެވެ.

މި ބޯކިބަ ބޭނުންކުރަނީ އީދު ދުވަހު ހެނދުނު ސައި ބުއިމަށެވެ. ބައެއް ގޭގޭގައި ކުޅި އަދި ފޮނި ދެބާވަތުން ބޯކިބަ ތައްޔާރު ކުރެއެވެ. މިއީ ރަހަ ހެޔޮވަރުކޮށްލާ ސުފުރާމަތި އިތުރަށް ތިޔާގި ކޮށްލުމަށް ކުރާ ކަމަކަށްވެސް ވެދާނެއެވެ.

ހެދުނުގެ ސަޔަށް މިފަދަ ބޯކިބައެއް ނެތި އީދުގެ އިހުސާސް ނާންނަ ކަމަށް ގިނަ ފަރާތްތަކަކުން ބުނެއެވެ. ބައެއް ރަށްރަށުގައި މި ބޯކިބަ ތައްޔާރު ކުރާ ހާއްސަ ގޮތެއް އޮވެއެވެ. މިސާލަކަށް ހދ. މަކުނުދޫ މީހުން ތައްޔާރު ހާއްސަ ރެސިޕީއަކާ އެކު އީދު ބޯކިބައެއް ތައްޔާރު ކުރެއެވެ. މީހުން ބުނާ ގޮތުގައި މަކުނުދޫ އީދު ބޯކިބަޔަކީ އާންމުކޮށް ތައްޔާރު ކުރާ ބޯކިބަޔަށްވުރެ ހަރު އަދި މީރު ބޯކިބައެކެވެ.

އީދު ބޯކިބައެއް ތައްޔާރު ކުރާނެ ގޮތް:

ބޭނުންވާނެ ތަކެތި:

  • 1 ބޮޑު ފިޔާ (ތުނިކޮށް ކޮށާފަ)
  • 1 ގިތެޔޮ މިރުސް (ހިމުންކޮށް ކޮށާފަ)
  • 2 ހިކަނދި ފަތް (ހިމުންކޮށް ކޮށާފަ)
  • 1 ޖޯޑު ކާށި ހުނި
  • 1 ސައިސަމްސާ އިނގުރު
  • 2 ދަޅު މަސް
  • 4 ލޮނުމެދު (ހިމުންކޮށް ކޮށާފަ)
  • 1 ސައިސަމްސާ ރީނދޫ
  • 2 ޖޯޑު ހަނޑޫ
  • ރަހަ ހެޔޮވަރު ވާވަރަށް ލޮނު
  • 1 ސައިސަމްސާ އަސޭމިރުސް
  • 1/2 ލުނބޯ

ތައްޔާރު ކުރާ ގޮތް:

ހަނޑޫ ކޮޅު ކުޑަ ތައްޓަކަށް އެޅުމަށް ފަހު ތާފަނާ ފެން އެތެރެއަށް އަޅާ 5-6 ގަޑިއިރަށް އެ ހަނޑޫ ފެނުގައި މަޑުކުރަން ބަހައްޓާށެވެ. ހަނޑޫ މަޑު ވުމުން ކުޑަ ފެންކޮޅެއް ޖަހާ ހަނޑޫ ފުށަށް ވަންދެން މިކްސަރުން މުގުރާށެވެ. މުގުރަން ވާނީ އެހާ ހިމުން ނުވާ ގޮތަށް ތަންކޮޅެއް ރާޅުކޮށެވެ.

ފިޔައި، ހިކަނދިފަތް، މިރުސް އަދި ލޮނުމެދު ތައްޓަކަށް އެޅުމަށްފަހު ލޮނު އަޅާ ރަނގަޅަށް މޮޑެލާށެވެ. ދެން މަސްކޮޅާއި ފިޔާ ކޮޅު އެއްކޮށްލާ އޭގެތެރެއަށް ރީނދޫ ކޮޅު އަޅާއި އިނގުރުކޮޅު އަޅާ ރަނގަޅަށް މޮޑެލާށެވެ. އޭގެތެރެއަށް ހުނި އަޅާ މޮޑެލުމަށް ފަހު ލުބޯ ހުތް ޖަހާ އެއްކޮށްލާށެވެ. ދެން ތައްޔާރު ކުރި ހަނޑޫ ފުއްގަނޑު މަސްހުނި ކޮޅު ތެރެއަށް އަޅާ ރަނގަޅާށް އެއްކޮށްލާށެވެ.

އަވަނުގައި ފިހާނަމަ 180 ޑިގްރީ ސެލްސިއަސް ގައި ބޯކިބަ ފިހާށެވެ. ގޭސް އުދުނުގައި ފިހާނަަމަ ފިހަން ވާނީ މަޑު ގިނީގައެވެ. ބޯކިބަލަށް މުށިކުލަ އަރަންދެއް ފިހަން ވާނެއެވެ. މި ބޯކިބަ ރަނގަޅަށް ފިހެވުމުން ހުންނާނީ އީދު ބޯކިބަ ތައްޔާރު ވެފައެވެ.