ނިމިގެންދިޔަ ރޯދަ މަހުގައި 2966 އުޅަނދެއްގައި ޕާކިން ސްޓިކާ ޖަހާފައިވާކަމަށް މިދިޔަ މަހުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކޮންމެ ހަފްތާއަކު ފުލުހުން އާންމުކުރަމުން އަންނަ ތަފާސް ހިސާބުތައް ދައްކާގޮތުން، މިދިޔަ މަހުގެ ހަތަރަކުން 31 އަށް 2966 އުޅަނދެއްގައި ޕާކިން ވައެލޭޝަން ސްޓިކާ ވަނީ ޖަހާފައެވެ. އަދި މިއީ ހަމައެކަނި މާލެ ސިޓީން ޖަހާފައިވާ ސްޓިކާއެކެވެ. މިއިން ކޮންމެ ސްޓިކާއަކަށް 750 ރުފިޔާގެ ޖޫރިމާއެއް ދައްކާ ނަމަ، މިއީ ދައުލަތަށް ލިބެންޖެހޭ 2.2 މިލިއަން ރުފިޔާއެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ސްޓިކާ ޖަހާފައިވަނީ ރޯދަ މަހުގެ ދެވަނަ ހަފްތާ ތެރޭގައެވެ. އެ ހަފްތާގައި އެކަނި 814 ސްޓިކާ ވަނީ ޖަހާފައެވެ.

މި ތަފާސް ހިސާބުތަކަށް ބަލާ އިރު، މި މުއްދަތުގައި 1646 އުޅަނދެއް ހުއްޓުވާ ބަލާ ޗެކްކޮށްފައިވެއެވެ. އަދި މީގެ ތެރެއިން ގަވާއިދާ ހިލާފުވެފައިވާ އުޅަނދުތައް ރަނގަޅުކުރުމަށް ފުލުހުން ވަނީ އެފަރާތްތަކަށް އަންގާފައެވެ.

މިދިޔަ މަހުގެ ތެރޭގައި މާލޭގައި އެކަނި 221 އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. މީގެ ތެރެއިން އެންމެ ގިނައިން އެކްސިޑެންޓް ހިނގާފައިވަނީ ރޯދަ މަހުގެ ފަހު ހަފްތާ ތެރޭގައެވެ. އެ ހަފްތާގައި 64 އެކްސިޑެންޓު ހިނގާފައިވާއިރު، މިއީ ނިސްބަތުން ދުވާލެއްގެ މައްޗަށް 10 ވަރަކަށް އެކްސިޑެންޓެވެ. މި އެކްސިޑެންޓު ތަކުގައި 54 މީހަކަށް އަނިޔާވެގެން ފަރުވާދީފައިވެއެވެ.

މި މުއްދަތުގެ ތެރޭގައި 105 އުޅަނދެއް ފުލުހުން ވަނީ ޓޯކޮށްފައެވެ. މީގެ ތެރެގައި ހިމެނެނީ 39 ކާރާއި، 66 ސައިކަލެވެ. މީގެ އިތުރުން މި މުއްދަތުގައި ލައިސަންސް ނެތި ދުއްވި 361 މީހަކު ހުއްޓުވައި ޗެކްކޮށްފައިވާ އިރު، ލައިސަންސް ނުލާ ދުއްވި 202 މީހަކު ފުލުހުން ވަނީ ހުއްޓުވާފައެވެ.