މިއަދު ބޭއްވި 19 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރުގެ ތިން ވަނަ ޖަލްސާގައި ދާއިމީ ކޮމިޓީ އެކުލަވާލުމަށްޓަކައި 11 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލައިފިއެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ހުށަހަޅުއްވާ، ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ތާއިދު ކުރައްވާފައިވާ މަޖިލީހުގެ ދާއިމީ ކޮމިޓީ އެކުލަވާލުމުގެ ބޭނުމުގައި 11 މެންބަރުންގެ ކޮމިޓީއެއް މަޖިލިސް ތެރެއިން އެކުލަވާލުމަށް ފާސްކޮށްފިއެވެ. މި ބިލް ފާސްވީ މަޖިލީހަށް މިއަދު ހާޒިރުވެ ވާޑައިގެންނެވި 78 މެންބަރުންގެ ތެރެއިން 77 މެންބަރުންގެ ތާއީދާއި އެކުގައެވެ.

ދާއިމީ ކޮމިޓީ އެކުލަވާލުމުގެ ބޭނުމުގައި 11 މެންބަރުންގެ ކޮމިޓީގައި ތިއްބެވުމަށް ހެންވޭރު މެދު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހަޅުއްވާ، ކަޑިތީމު ދާއިރަގެ މެންބަރު އަބްދުﷲ ޝަހީމް ތާއިދު ކުރައްވާ 11 މެންބަރުންގެ ނަން ވަނީ ހުށަހަޅާފައެވެ.

ދާއިމީ ކޮމިޓީ އެކުލަވާލުމަށް އެކުލަވާލާ ކޮމިޓީގެ މެންބަރުން:

  • މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު
  • ތ ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ގައްސާން މައުމޫން
  • މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު
  • ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް
  • ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން
  • ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދް
  • އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން
  • ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބަދުﷲ ޝަފީގް
  • ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް
  • ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު
  • މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް

މި 11 މެންބަރުން ދާއިމީ ކޮމިޓީ އެކުލަވާލުމުގެ ބޭނުމުގައި އެކުލަވާލާ، ކޮމިޓީގައި ތިއްބެވުމަށް ފާސްވެފައި ވަނީ 76 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ގަވާއިދު އެކުލަވާލުމަށް ކަނޑައެޅުނު ކޮމިޓީން މިއަދު މަޖިލީހަށް ވަނީ ރިޕޯޓެއް ހުށަހަޅާ، ތާއިދު ކުރައްވާ 77 މެންބަރުންނާއި އެކު މި ރިޕޯޓް ވަނީ ފާސްކޮށްފައެވެ. މަޖިލީހުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާގައި 30 ދުވަހުގެ ތެރޭހައި ގަވާއިދު އިސްލާހުކޮށް ފާސްކުރުމަށް ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފެވެ. ގަވާއިދު އިސްލާހު ކުރުމަށްޓަކައި ވަގުތީ ކޮމިޓީއެއް އެކުލަވާލާ 30 ދުވަހުގެ ތެރޭގައި މަޖިލީހުގެ ކޮމިޓީން ގަވާއިދު މުޅިން އިސްލާހުކޮށް ފާސްކުރުމަށް ތަޅުމަށް ހުށަހަޅާ 80 މެންބަރުންގެ ތާއީދާއިއެކު 11 މެންބަރުންގެ ގަވާއިދު އިސްލާހު ކުރާ ކޮމިޓީއެއް ވަނީ ފާސްކޮށްފައެވެ.