އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ 14 ވަނަ ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހެނދުނު ރާއްޖެ ވަޑައިގަންނަވައިފިއެވެ.

ސައުދީ އަރަބިއްޔާގެ މައްކާގައި މިދިޔަ މަހުގެ 31 ވަނަ ދުވަހު ބޭއްވި މި ސަމިޓުގައި ވާހަކަދެކެވުނު މުހިންމު މައްސަލަތަކުގެ ތެރޭގައި އަދުގެ ދުނިޔޭގައި މުސްލިމުންނާމެދު ގެންގުޅޭ ނޭދެވޭ ތަފާތުކުރުންތަކުގެ ޢަމަލުތައް ގިނަވަމުންދާ މައްސަލައާއި މެދުއިރުމަތީގެ ހަމަޖެހުމާއި އަދިވެސް މުސްލިމް އުންމަތަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތައް ހިމެނެއެވެ.

މައްކާގައި ބޭއްވި މި ސަމިޓަށް ރައީސް ސޯލިހް ވަނީ އިސްލާމީ އުންމަތަށް މުހިންމު ހުށަހެޅުންތަކެއް ހުށަހަޅުއްވާފައެވެ. އެގޮތުން މުޅި އިސްލާމީ އުންމަތުގެ ބޮޑެތި މައްސަލަތަކަށް ރާއްޖެއިން ދޭ އިސްކަން ފާހަގަކުރައްވައި، މުސްލިމު އުންމަތުގެ ލާބައާ މަންފާއަށްޓަކައި ކުރެވޭ ކަންކަމުގައި ރާއްޖެއިން ވެސް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެކަން ފާހަގަކުރައްވާފައި ވެއެވެ. މީގެއިތުރުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށް، އަދި ވަކިން ހާއްސަކޮށް ފަލަސްތީނުގެ މުސްލިމު ރައްޔިތުންނަށް ރާއްޖެއިން ތާއީދު އޮތް މިންވަރު ރައީސް ސޯލިހްގެ ހުށައެޅުއްވުމުގައި ފާހަގަކުރައްވާފައިވެއެވެ.

ބަރަކާތްތެރި ރޯދަ މަސް ނިމި ފިތުރު އީދުގެ އުފާ ފާހަގަކުރުމަށް ތައްޔާރުވެފައިވާ މި ދަނޑިވަޅުގައި، ރައީސް ވަނީ ވަނީ އިސްލާމީ އުންމަތުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަމަށް އެދި ﷲ ގެ ހަޟުރަތުގައި ދުއާ ދެންނެވުމަށް އިސްލާމީ ގައުމުތަކުގެ ލީޑަރުންނާއި އެންމެހައި މުސްލިމުންގެ ކިބައިން އެދިވަޑައިގެންފައެވެ.