ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފުވި ފަނޑިޔާރެއްގެ މައްސަލައެއް ބައްލަވައި ދެއްވުމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖުޑިޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅުއްވާފިއެވެ.

މިއަދު މަޖިލިސް އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވީ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފުވެފައިވާ ފަނޑިޔާރެއްގެ މައްސަލަ ބައްލަވައި ދެއްވުމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖުޑިޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި އެ ކޮމިޝަނުން ކުރަމުންދާ މަސައްކަތްތައް މީޑިއާ މެދުވެރިކޮށް ހުޅުވާލުމާ ބެހޭ މައްސަލައެއް ވެސް މަޖިލިސް ރައީސް ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ކަމަށް ނިއުޝާ ވިދާޅުވިއެވެ.

ނިއުޝާ ވިދާޅުވީ، މާދަމާ ބާއްވާ 19 ވަނަ މަޖިލީހުގެ ތިން ވަނަ ޖަލްސާގައި ދެ ބިލެއް އެޖެންޑާ ކޮށްފައިވާ ކަމަށެވެ. އެއީ ނައިބު ރައީސް ކަން ކުރައްވައިފައިވާ ފަރާތްތަކަށް ދޭން ޖެހޭ އިނާޔަތްތާއި ރައްކާތެރިކަމުގެ ބިލާއި، ފަނޑިޔާރުންގެ ގާނޫނަށް ހަ ވަނަ އިސްލާހު ގެނައުމުގެ ބިލް އަލުން ވިސްނުމަށް މަޖިލީހަށް ފޮނުވާފައިވާ މައްސަލަ ކަމަށް ނިއުޝާ ވިދާޅުވިއެވެ.

މާދަމާ އޮންނަ މަޖިލީހުގައި ދާއިމީ ކޮމިޓީތަކަށް މެންބަރުން އެކުލަވާލުމުގެ މަސައްކަތާއި، ރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓާއި ގުޅޭ މައްސަލައެއް ބެލުމާއި، މަޖިލީހަށް ތައާރަފް ކުރަން ޖެހޭ ރިޔާސީ ކޮމިޝަންތަކުގެ ބިލާއި، ރާއްޖޭގެ ގާނޫނީ ފަންނުގެ ބިލް އެކުލަވާލުން އެޖެންޑާ ކޮށްފައިވާ ކަމަށް ނިއުޝާ ވިދާޅުވިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ނިއުޝާ ވިދާޅުވީ، މަޖިލީހުގައި 17 ކޮމިޓީ ބާއްވަން މަޖިލީހުގެ ވަގުތީ ކޮމިޓީން މިއަދު ނިންމާފައިވާ ކަމަށެވެ. މަޖިލީހުގައި ކުރިން 13 ކޮމިޓީ އޮންނަ އިރު، މިއަދު ބޭއްވި ވަގުތީ ކޮމިޓީގެ ބައްދަލު ވުމަށްފަހު، އިތުރު ފަސް ކޮމެޓީއެއް އުފައްދަން ފާސްކޮށްފައިވަނީ ކޮމިޓީ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

މީގެ އިތުރުން، މިމަހުގެ ހަތް ވަނަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި، ރައްޔިތުން މަޖިލީހުގައި ތަގުރީރު ކުރައްވަން ހަމަޖެހިފައިވާ އިރު، އެ ތަގުރީރު ކުރެއްވުން، އަންނަ ހޮނިހިރު ދުވަހު އިރުއޮއްސި 6:45، އަށް ބަދަލުވެފައިވާ ކަމަށް ނިއުޝާ ވިދާޅުވިއެވެ.