ސިފައިންނަށް އެޅުމަށް ހަމަޖެހިފައިވާ 300 ފްލެޓް އެޅުމުގެ ޕްރޮޖެކްޓްގެ މަސަކަތް ހަވާލުކުރި ކުންފުނިން ސިފްކޯއަށް ލިބެން ޖެހޭ ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އަށް އަންގައިފިއެވެ.
މި މައްސަލައިގައި އޭސީސީން ސިފްކޯއަށް އޭސީސީން އަންގާފައިވާ އެންގުމުގައިވަނީ، މި މަސައްކަތް ފުރަތަމަ ހަވާލުކުރެވުނު ފްރައިވެޓް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެ މަސައްކަތް ކުރިއަށް ނުދާތީ، އެ ކުންފުންޏާއެކު ސިފްކޯއިން ވެފައިވާ އެއްބަސްވުން ބާތިލުކޮށް، ދެފަރާތުގެ ދެމެދުގައި ހަދާފައިވާ ޓާމިނޭޝަން އެގްރީމެންޓްގެ ދަށުން، އެ ކުންފުނީގެ ފަރާތުން ސިފްކޯއަށް ހުށަހަޅާފައިވާ 3 ޕޯސްޓް ޑޭޓެޑް ޗެކް ބައުންސްވުމާ ގުޅިގެން ސިފްކޯއަށް ލިބެންޖެހޭ 92.5 މިލިއަން ރުފިޔާ އަނބުރާ ލިބިފައި ނުވާތީ، އެ ފައިސާ އަނބުރާ ހޯދުމަށެވެ.
އޭސީސީން ބުނީ މިމައްސަލަ އެކޮމިޝަނުން ތަހުގީގުކުރި ކުރުމުގައި ފާހަގަކުރެވުނު ކަންތައްތަކައް ބަލާއިރު، ސިފައިންނަށް އެޅުމަށް ހަމަޖެހިފައިވާ 300 ފްލެޓް އެޅުމުގެ ޕްރޮޖެކްޓްގެ މަސައްކަތް ހަވާލުކުރުމަށް ކޮށްފައިވާ އެގްރީމެންޓުގެ ދަށުން ޕްރޮޖެކްޓުގެ ޖުމުލަ އަގަކީ 638 މިލިއަން ރުފިޔާއެވެ. އަދި އެއްބަސްވުމުގައި ވާގޮތުން އެ ފައިސާގެ ތެރެއިން 40 ޕަސެންޓުގެ ޑައުންޕޭމެންޓުގެ ގޮތުގައި ދައްކަން ޖެހޭނެ ކަމަށާއި، އެ 40 ޕަސެންޓުގެ ގެ ތެރެއިން 16 ޕަސެންޓް ފައިސާ ހޯދާނީ ފްލެޓް ތަކުގައި ހަދާ ކޮމާޝަލް ލޮޓްތައް ވިއްކައިގެން ކަމަށެވެ. އަދި 26 ޕަސެންޓް ފައިސާ ދައްކާނީ ގަވަމެންޓް ސަބްސިޑީގެ ގޮތުގައި ކަމަށާއި، ހަތަރު ޕަސެންޓު ފައިސާ ދައްކާނީ ސިފްކޯއިން 24 މަހަށް ބަހާލައިގެން ކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި ބާކީ ފައިސާ ސިފްކޯއިން މަސަކަތް ހަވާލުވި ކުންފުޏަށް ދައްކާނީ އެންޑް ޔޫޒާ ފައިނޭންސް އުސޫލުން ފްލެޓް ލިބޭ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށްފަހު ފިކްސްޑް އިންސްޓޯލްމެންޓެއްގެ ގޮތުގައި 30 އަހަރަށް ބަހާލައިގެން ކަމަށް ބުނެފައިވެއެވެ.
އޭސީސީން ތަހުގީގު ކުރި މި މައްސަލައިގައި އެ ކޮމިޝަނުން ބުނެފައިވަނީ މަސަކަތް ހަވާލުކުރެވުނު އެއްބަސްވުމުގެ ދަށުން ސިފްކޯއިން 125 މިލިއަން ރުފިޔާ މަސަކަތް ހަވާލުވި ކުންފުޏަށް ދައްކާފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އެއީ، ފްލެޓް ލިބޭ ފަރާތްތަކުން ދައްކާފައިވާ 10 މިލިއަން ރުފިޔާ އާއި ސަރުކާރުގެ ބަޖެޓުން ދައްކާފައިވާ 115 މިލިއަން ރުފިޔާކަމަށް އޭސީސީން ބުނެއެވެ.
މީގެ އިތުރުން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ 2014 ވަނަ އަހަރުގެ ބަޖެޓުން 70 މިލިއަން ރުފިޔާ އަދި 2015 ވަނަ އަހަރުގެ ބަޖެޓުން 45 މިލިއަން ރުފިޔާ ސިފައިންނަށް 300 ފްލެޓް އެޅުމުގެ ޕްރޮޖެކްޓަށް ހަރަދުކޮށްފައިވާކަމަށް އޭސީސީން ބުނެއެވެ.
އެހެންނަމަވެސް، އެ ތިން ޗެކް ވެސް އެކައުންޓުގައި ފައިސާ ނެތުމުން ބައުންސް ވެފައިވާކަން ފާހަގަކުރެވޭ ކަމަށާއި އެ ފައިސާ ހޯދުމަށް ސިފްކޯއިން މަސަކަތްތަކެއް ކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާކަމަށް އޭސީސީން ބުނެއެވެ. އެގޮތުން މޯލްޑިވްސް ޕޮލިސް ސާވިސް އަށް ޗެކް ބައުންސްގެ މައްސަލަ ހުށަހެޅުމާއި، އެ ފައިސާ ހޯދުމަށް އެޓާނީ ޖެނެރަލްއާއެކު މަޝްވަރާކޮށްފައިވާކަމަށް އޭސީސީން ބުނެއެވެ.
އަދި މަސައްކަތް ހަވާލުވި ކުންފުނިން ސިފްކޯއަށް ދައްކަންޖެހޭ 92.5 މިލިއަން ރުފިޔާ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެކުންފުޏާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓުތަކާއި ގުޅިގެން އެ ކުންފުންޏަށް ދައްކަންޖެހޭ ފައިސާއިން ސެޓްއޮފް ކުރުމުގައި އިއުތިރާޒް ނުކުރާކަމަށް ބަޔާންކޮށް އެކުންފުނީގެ ފަރާތުން ސިޓީއެއް ސިފްކޯއަށް ފޮނުވާފައިވާކަމަށް އޭސީސީން ބުނެއެވެ.
އޭސީސީން ބުނީ އެ ފައިސާ ހޯދުމަށްޓަކައި ދިވެހި ސަރުކާރުގެ އެއްވެސް ޕްރޮޖެކްޓަކާ ގުޅިގެން އެ ކުންފުންޏަށް ދޭންޖެހޭ ފައިސާއެއްވާނަމަ 92.5 މިލިއަން ރުފިޔާ އުނި ކުރުމަށްފަހު، އެ ކުންފުންޏަށް ފައިސާ ދޫކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޝަރީއަށް އަންގާފައިވާނެ ކަމަށެވެ. އަދި ސަރުކާރުން އެ ކުންފުންޏަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނުވާނަމަ، 92.5 މިލިއަން ރުފިޔާ ހޯދުމަށް، ޝަރީއަތަށް ހުށަހަޅައިގެން ކުރިޔަށް ގެންދިޔުމަށް ސިފްކޯއަށް ވަނީ އަންގާފައެވެ.