ފިތުރު އީދު ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުން އީދު ސަލާން ކުރެއްވުން ރައީސްގެ ރަސްމީ ގެކޮޅު މުލީއާގޭގައި އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ ދެކަނބަލުން އީދު ސަލާން ކުރެއްވުން އޮންނާނީ އެދުވަހުގެ ހެނދުނު 9:30 އިން 10:30 އަށް ކަމަށެވެ.

ރައީސް އޮފީހުން ބުނީ އީދު ސަލާން ކުރެއްވުމުގައި ބައިވެރިވުމަށް ރައްޔިތުންނަށާއި، ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި، ބޭރުގެ އިއްޒަތްތެރިންނަށާއި، ރާއްޖޭގެ އެކި ކުންފުނިތަކާއި، އަމިއްލަ އެކިއެކި ޖަމުއިއްޔާ ޖަމާއަތްތަކުގެ މަންދޫބުންނަށް ރައީސްގެ ދެކަނބަލުން ދައުވަތު އަރުއްވާ ކަމަށެވެ. އަދި އާއިލާތަކާއެކު ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި ވީހާވެސް ގިނަ އަދަދެއްގެ ޒުވާނުން، އީދު ސަލާމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ވެސް ރައީސްގެ ދެކަނބަލުން ދައުވަތު އަރުއްވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުން / ފައިލް ފޮޓޯ

ރައީސް އޮފީހުން ބުނީ އީދު ސަލާން ކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅުން މުލީއާގެއަށް ވެދެވަޑައިގަތުމަށް ހަމަޖެހިފައިވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރާށިން ކަމަށެވެ، އަދި މުލީއާގެއަށް ވަޑައިގެންނެވޭނީ، މުލީއާގޭ ހުޅަނގަށް އޮންނަ ދަރުމަވަންތަ މަގާއި، ޝަހީދު ހުސައިން މުހައްމަދު ހިނގުމުން ކަމަށެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ އަންގާރަ ދުވަހެވެ.