ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނަށް ކުރުނބާ މޯލްޑިވްސް ރިސޯޓުން ރޯދަވީއްލުމެއް ދީފިއެވެ.

މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން މިރޭ ކުރި ޓްވީޓެއްގައި، ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނަށް ރޯދަވީއްލުމެއް ދިނީތީ ކުރުނބާ މޯލްޑިވްސް ރިސޯޓަށް ޝުކުރު އަދާކޮށްފައި ވެއެވެ. މި ރޯދަ ވީއްލުން ބޭއްވީ މިއަދު ކުރުނބާ މޯލްޑިވްސް ގައެވެ. މި ރޯދަ ވީއްލުމުގައި ޖެންޑާ މިނިސްޓަރު، ޝިދާތާ ޝަރީފް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކުރުނބާ މޯލްޑިވްސްގެ އިތުރުން، ހުދުރަންފުށި ރިސޯޓުން ވެސް ވަނީ މި ކުދިންނަށް އިއްޔެ ރޯދަވީއްލުމެއް ދީފައެވެ. މީގެ އިތުރުން، މިދިޔަ ހޯމަ ދުވަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ވެސް ވަނީ މި ކުދިންނަށް ރޯދަ ވީއްލުމެއް ދެއްވާފައެވެ. މި ރޯދަ ވީއްލުން ބާއްވާފައި ވަނީ މުލިއާގޭގައެވެ. އަދި މި ރޯދަވީއްލުމަކީ ރައީސް ސޯލިހްގެ އަނބިކަނބަލުން ފަޒުނާ އަހުމަދުގެ އިސްނެންގެވުމުގެ މަތިން ބޭއްވި ރޯދަވީއްލުމެއް ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.