އެމެރިކާގެ ވާޖީނިއާ ނަމަކަށް ކިޔާ ސްޓޭޓްގެ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ މުނިސިޕަލް އިމާރާތަށް ވަދެ ބަޑިން ހަަމަލާދީ 12 މީހުން މަރާލައިފިއެވެ.

ބޭރުގެ ނޫހެއް ކަމަށްވާ 'ސީއެންއެން' އިން ވާޖީނިއާ ސަރުކާރާ ހަވާލާދީ ބުނީ، މިދިޔަ ހުކުރު ދުވަހު މެންދުރު ވާޖީނިއާގެ މުނިސިޕަލް އިމާރާތަށް ވަދެ ބަޑިން ހަމަލާދީ، 12 މީހުން މަރާލުމަށްފަހު، 4 މީހުން ޒަހަމް ކޮށްފައިވާ ކަމަަށެވެ.

މި ހަމަލާ ދިނީ ވާޖީނިއާގައި މަސައްކަތް ކޮށްފައިވާ މުވައްޒަފެއް ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ. ބަޑީގެ ހަމަލާތައް ބަދަލު ކުރުމުގެ ތެރޭގައި އުމުރުން 40 އަހަރުގެ ޑިވޭން ކްރެޑޮކް ނަމަކަށް ކިޔާ، މި މީހާ މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، ޑިވޭން އަކީ ވާޖީނިއާ ބީޗްގެ ޕަބްލިކް ޔުޓިލިޓީސް ޑިޕާޓްމަންޓުގައި އެތައް އަހަރެއް ވަންދެން ތަޖުރިބާކާރު، އިންޖީނިއަރެއްގެ ގޮތުގައި މަސައްކަތް ކުރި މީހެއް ކަމަށެވެ.

ފުލުހުނާއި ހަވާލާދީ ސީއެންއެނުން ބުނީ، އަނިޔާވި ހަތަރު މީހުންގެ ތެރެއިން ތިން މީހުންގެ ހާލު ސީރިއަސް ކަމަށާއި، މި ހަމަލާތަކުގެ ތެރެއިން ފުލުހަކު ގަޔަށް ވެސް ބަޑި ޖަހާފައިވާ ކަމަށެވެ. ނަމަވެސް، އޭނާ ބެލެސްޓިކް ވެސްޓް ލައިގެން ހުރުމުގެ ސަބަބުން އޭނާގެ ފުރާނަ ސަލާމަތް ވެފައިވާކަމަށް ފުލުހުން ބުނެއެވެ.

މި ބަޑީގެ ހަމަލާތަކަށް ފަހު، ފުލުހުން ހިންގި ތަހުގީގުން، ފިސްތޯލަ އަކާއި ރައިފަލްއެއް ހަމަލާދިން އޮފީހުން ފެނިފައިވާ ކަމަށް ސީއެންއެނުން ބުނެއެވެ. އަދި ފިސްތޯލައާ ރައިފަލަކީ އެގައުމުގައި ގެންގުޅުމުގެ ހުއްދަ ދީފައިވާ ދެ ހަތިޔާރު ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ ހަމަލާ ދިނުމަށް ބޭނުން ކުރި ފިސްތޯލައަކީ ޕޮއިންޓް 45 ކެލިބާ ފިސްތޯލައެއް ކަމަށާއި، މި ހަތިޔާރާއި އެކު ސަޕްރެސާއެއް ބޭނުން ކޮށްފައިވާއިރު، ގިނަ އަދަދެއްގެ ހައި ކެޕޭސިޓީ މެގަޒިން ވެސް ހަތިޔާރު ހޯދި ސަރަހައްދުން ފެނިފައިވާ ކަމަށެވެ.

މި ހަމަލާއާ ގުޅިގެން ވާޖިނިއާގެ ވައިސް މޭޔާ ޖޭމްސް ވުޑް ވިދާޅުވީ، އެގައުމުގައި އާންމުންނަށް ހުޅުވާލެވިފައިވާ ތަންތަނަށް ބަޑި ފަދަ ހަތިޔާރު ގެންދިއުމުގެ ހުއްދަ އޮންނަ ކަމަށެވެ. އަދި މިފަދަ ހަތިޔާރު ގެންގުޅުން މަނާ ވަނީ ސްކޫލުތަކާއި ކޯޓު ތަކުގައި ކަމަށް ވައިސް މޭޔާ ވިދާޅުވިއެވެ.