އީރާނަށް އަމާޒުކޮށް ހަމަލާއެއް ދިނުމަކީ މުޅި މެދުއިރުމަތި "އުތުރިއަރާނެ" ވަރުގަދަ ހަމަލާއަކަށް ވާނެ ކަމުގެ އިންޒާރު، ލުބްނާނުގައި ހަރަކާތްތެރިވާ ސިޔާސީ އަދި އަސްކަރީ ޖަމިއްޔާ ހިޒްބުއްލާގެ ލީޑަރު ހަސަން ނަސްރުﷲ ދީފިއެވެ.
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަކީ ހަމައެކަނި ޕާކިސްތާނުގެ ސަރަހައްދީ އިމުގެ ތެރޭގައި ކުރެވޭނެ ހަނގުރާމައަކަށް ނުވާނެކަން އެމެރިކާއަށް ރަނގަޅަށް އެނގޭނެ ކަމަށް ނަސްރުﷲ ބުނެއެވެ.
އީރާނަށް އަމާޒުކޮށްގެން ދެވޭ ހަމަލާއެއްގެ ސަބަބުން މުޅި މެދުއިރުމަތި "ކެކިގެން އަރާނެ" ކަމަށާ، ނަތީޖާއަކަށްވާނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ މަސްލަހަތު އެކުލެވޭ ހުރިހާ ތަނެއް ސުންނާފަތިކޮށްލުން ކަމަށްވެސް ނަސްރުﷲ ވަނީ ބުނެފައެވެ.
އީރާނުގެ އެއްބާރުލުމާއެކު ހަރަކާތްތެރިވާ ހިޒްބުއްލާއިން މިފަދަ ރޫހެއްގައި ވާހަކަ ދައްކާފައި މިވަނީ، ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ކުށްލި ބައްދަލުވުންތަކެއްގެ އިތުރުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް އާއި އަރަބް ލީގުގެ ބައްދަލުވުންތަކެއްގެ ސައުދީ އަރަބިއްޔާގެ މައްކާގައި ކުރިއަށްދާ ދަނޑިވަޅެއްގައެވެ.
މި ބައްދަވުންތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ، ސަރަހައްދީ ފެންވަރުގައި އީރާނުން ގަދަކުރަމުންދާކަމަށް ސައުދީއިން ތުހުމަތުކުރާ ނުފޫޒަށް ރައްދުގައި އަޅާނެ ފިޔަވަޅުތަކަކާ ބެހޭ ގޮތުން މަޝްވަރާކުރުމުގެ މައްޗަށް ކަމަށް މައުލޫމާތު ލިބެއެވެ. މި ދަނޑިވަޅަކީ ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް އެމެރިކާއާއި އީރާނާ ދެމެދު އަސްކަރީ ކުރިމަތިލުންތަކަކަށް ދާންޖެހިދާނެ ކަމުގެ އިޝާރާތްތަކާ ސިގުނަލްތަކެއްވެސް ދެމުންދާ ދަނޑިވަޅެކެވެ.
ހިޒްބުއްލާއަކީ އެމެރިކާގެ އިތުރުން ވިލާތުގެ އިއްތިހާދާ، ޖީސީ އަދި އަރަބި ލީގުންވެސް ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާއަތެކެވެ.