މިދިޔަ އަންގާރަ ދުވަހުގެ ރޭ ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން، ގިނަ ބައެއްގެ ލޯބި ޖެހިގެން ދިޔައީ، ތަރާވީސް ނަމާދު ނިންމެވުމަށްފަހު ހުކުރު މިސްކިތުން ނުކުމެވަޑައިގަތް ވަގުތު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަމާސާކޮށް ވާހަކަ ދައްކާ ކުޑަ ކުއްޖާއަށެވެ.
ރައީސް ސޯހިލް މިސްކިތުން ނުކުމެވަޑައި ގަންނަވަމުން، މިސްކިތުގައި ތިބި މީހުންނާއި ސަލާމް ކުރައްމަވުން ގެންދަވަނިކޮށް، އަހުމަދު މަލީކް ވަހީދު (މަލީކް) ނަމަކަށް ކިޔާ މި ކުޑަ ކުއްޖާ ރައީސާއި ސަލާމް ކުރުމަށްފަހު ރައީސް ދުރުވަނީ ކޮން ތަނަކަށް ތޯ އަހާ ސުވާލު ކުރިއެވެ. ޖަވާބުގައި ދެން ދުރުވާނީ ގެކޮޅަށް ކަމަށް ރައީސް ވިދާޅުވުމުން، މަލީކްގެ އެހީ ރައީސްގެ ގެކޮޅަށް ކިޔަނީ ކޮން ނަމެއްތޯއެވެ.
މަލީކްގެ ސުވާލަށް ޖަވާބު ދެއްވަމުން ސަމާސާ ގޮތަކަށް ރައީސް ސޯލިހް ވިދާޅުވީ ރައީސްގެ ގެކޮޅުގެ ނަން މިހާރު އެނގޭނެ ކަމަށެވެ. ރައީސް މިހެން ވިދާޅުވުމުން، މަޖާ ގޮތަކަށް ހީލަމުން މަލީކް ބުނީ ރައީސްގެ ގެކޮޅަކީ މުލިއާގެ ކަމަށެވެ.
މަލީކްގެ މި ލޯބި މަންޒަރުތަކުން އެތައް ބައެއްގެ ލޯބި މަލީކަށް ޖެހިގެން ދިއުމާއި އެކު ސޯޝަލް މީޑިއާގައި މަލީކްގެ އެހެން ވީޑިއޯ އެއްވެސް އާންމުވިއެވެ. މަލީކްގެ ދެވަނަ ވީޑިއޯ އިން ފެންނަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިން ފަތުރުވެރިއަކާއި މަލީކް ވާހަކަ ދައްކާ މަންޒަރެވެ.
ކުޑަ ކުޑަ މަލީކް އިނގިރޭސިން ދެއްކި ވާހަކަތައް ސާފު ވާގޮތެއް ނުވިއެވެ. ނަމަވެސް، ވީޑިއޯގެ ފަހުކޮޅަށް އައިސް މަލީކް ބުނީ، އެއާޕޯޓަށް އައީ ޕޮލިހުން ތިއްބާ ކަމަށާއި، ޕޮލިހުން ވެސް މަލީކް ދެކެ ވަރަށް ލޯބިވާ ކަމަށެވެ. އަދި ފަތުރުވެރިންނާއި ސިފައިން ވެސް މަލީކް ދެކެ ވަރަށް ލޯބިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި މަލީކްގެ ވީޑިއޯތައް އާންމުވުމާއި އެކު، އެހެން މީހުންނެކޭ އެއްފަދައިން މި ވީޑިއޯތަކަށް ފުލުހުންގެ ވެސް ސަމާލުކަން ލިބުނެވެ. އެގޮތުން މި ވީޑިއޯގައި މަލީކްގެ ވާހަކަތަކަށް ޖަވާބު ދިނުމަށް ފުލުހުން ވަނީ ހާއްސަ ޓްވީޓެއް ކޮށްފައެވެ.
ފުލުހުން ކުރި ޓްވީޓްގައި ބުނީ، ޕޮލިހުން ވެސް މަލީކް ދެކެ ލޯބިވާ ކަމަށެވެ. އަދި ޕޮލިސް ހެޑްކުއާޓާސް ބާލާލަން އެތަނަށް ދިއުމަށް ޕޮލިހުން ވަނީ މަލީކަށް ދައުވަތު ދީފައެވެ.
ރައީސް ސޯލިހާއި މަލީކްގެ އޮންނަނީ ޒަމާންވީ ރައްޓެހިންގެ އޮންނަ ފަދަ ގާތް ގުޅުމެކެވެ. ރައީސް ސޯލިހު މަލީކާ ވާހަކަފުޅުދައްކަވާތާ ވެސް އެތައް މަހެއް ވެފައިވާއިރު، މަލީކްގެ ބަހުން ރައީސް ސޯލިހަކީ އޭނާގެ "މިސްކިތު ފްރެންޑް" އެވެ.