ވޭތުވެދިޔަ 24 ގަޑި އިރު ތެރޭ އެންމެ ބޮޑަށް ވިއްސާރަ ކުރީ ހއ. ކެލާ އަށް ކަމަށް މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

ކުރިއަށް އޮތް ދެތިން ދުވަހު މޫސުން ލަފާ ކުރާ ގޮތާއި ބެހޭ ގޮތުން "ދަ ޕްރެސް" އަށް މައުލޫމާތު މޫސުމާ ބެހޭ އިދާރާ އިން ބުނީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ އެންމެ ގަދައަށް ވިއްސާރަ ކޮށްފައިވަނީ ހއ. ކެލާއަށް ކަމަށެވެ. އެ އިދާރާއިން ބުނީ، ކެލާއަށް ވޭތުވެދިޔަ 24 ގަޑި އިރު ތެރޭ 67 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވެސް ކުރިއަށް އޮތް ދެތިން ދުވަސް ތެރޭ ގުގުރުމާއި އެކު ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފައިވާ އިރު، އެންމެ ބޮޑަށް ވިއްސާރަ ކުރާނީ މެދުރާއްޖެތެރޭގެ ރަށްތަކަށް ކަމަށާއި އެ ސަރަހައްދަށް 15 މޭލާއި 30 މޭލައި ދެމެދުގެ ބާރު މިނުގައި ވައި ގަދަވެފައިވާ ކަމަށް އެފަރާތުން ބުނެއެވެ.

މެތް އޮފީހުން، މިއަދު 11:00 އިން ފެށިގެން ހަވީރު 3:00 އާ ހަމައަށް ނ އަތޮޅާއި ލ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ. އެ އިދާރާއިން ބުނީ ނ އަތޮޅާއި ލ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް މިއަދު ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

ރާއްޖެއަށް ކުރަމުން ދާ ވިއްސާރައިގައި ހދ. މަކުނޫދޫ ދެގެއެއްގެ ފުރާޅު ވަނީ އުކާލާފައެވެ. މީގެ އިތުރުން ވައިގަދަވުމުގެ ސަބަބުން، އެ ރަށު ސްކޫލުގެ ފާރު މައްޗަށާއި މަގުމައްޗަށް ވަނީ ގަހެއް ބޮޑު ގަހެއްވެސް ވެއްޓިފައެވެ. މެޓް އޮފީހުން ބުނީ ވޭތުވެ ދިޔަ 24 ގަޑިއިރު ގައި ހދ. މަކުނުދޫ އަށް 8 މޭލާއި 18 މޭލާ ދެމެދު ވައިގަދަވެފައިވާ ކަމަށާއި އަދި ވިލާގަނޑަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރާ ކަމަށް މޫސުމާ ބެހޭ އިދާރާއިން މައުލޫމާތު ދެއެވެ.