ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް އެކި ގައުމުތަކުގެ މީހުންގެ ކެއުންބުއިމުގެ އާދަކާދައަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ވަކި ގައުމުތަކަކަށް ހާއްސަ ކެއިންތަކާ ބުއިންތަކެއްވެސް ހުރެއެވެ. ދިވެހިންނާ ކަރާފަނި ގުޅޭ ބީދައިން، އަވަށްޓެރި ބަންގްލަދޭޝްގެ އިފްތާރު ސުފުރާއެއްގައި ކޮންމެހެންވެސް ހުންނަންޖެހޭ އެކައްޗަކީ "ޝާހީ ޖަލާޕީ"އެވެ. ނަސީރުއްދީން ދިރިރުއުޅެމުންދާ ގޭގެ ސުފުރާމަތިން ފެންނަން ހުރީ ފިނިފެންމާ އަރަގެއްގައި ފޯކޮށްގެން ތައްޔާރުކޮށްފައިވާ ޝާހީ ޖަލާޕީއެވެ. މިއީ ދިވެހިން ދަންނަ ބޮޑު ޒިލޭބިއޭވެސް ބުނެވިދާނެއެވެ.
ނަމަވެސް މި ރަމަޟާން މަހު ތަފާތު ކަމެއް އެބަހުއްޓެވެ. އެ ތަފާތުކަން ގުޅެނީ ހަމައެކަނި ރަހަޔަކާ ނޫނޭވެ. ނާސިރުއްދީންގެ ހިތާވެސްމެއެވެ. އޮރެންޖުކުލައަކަށްދާ މި ފޮނިކާއެތި ނާސިރުއްދީނަށް ގެނެސްދެނީ އޭނާގެ ފިރިހެން ދަރިފުޅު ވާސީއެވެ. ނަމަވެސް އުމުރުން 23 އަހަރުގެ ވާސީ މިހާރު މި ދުނިޔެއަކު ނެތެވެ.
ވާސީ މި ދުނިޔެއާއި ވަކިވެދިޔައީ މިއަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި ވެރިރަށް ޑާކާގެ ޗޯވްކް ބާޒާރުގައި ހިނގާ ދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އަނދައިގެންނެވެ. އެހާދިސާގައި ވާސީއާއިއެކު 70 އަށްވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.
ޗޯވްކް ބާޒާރުގައި ދިރިއުޅެމުންދާ ނަސީރުއްދީންގެ އަންހެން ދަރިފުޅުވެސް މިއަދު ދުނިޔެއަކު ނެތެވެ. ކެންސަރު ބަލީގައި އެދަރިފުޅު މި ދުނިޔެއާއި ވަކިވީ 2011 ވަނަ އަހަރުވެއެ. ނަމަވެސް މި ރަމަޟާން މަހު ނަސީރުއްދީން އެ ދަރިއެއްގެ މަތިން އެންމެ ބޮޑަށް ހަނދާންވެ ހިތްދަތިވަނީ ވާސީ ނެތުމުންނެވެ.
"ވާސީ މަތިން ވަރަށް ހަނދާންވޭ ރަމަޟާން މަހު. މިއީ އޭނާއަށް ވަރަށް ހާއްސަ ދުވަސްކޮޅެއް. މިތާ ކައިރީ އޮންނަ އިފްތާރު ބާޒާރުން މީރުހާ ކާއެއްޗިހި ގެނެސްދޭނެ ކޮންމެ ރަމަޟާން މަހަކު"، ހިތާމަވެރި ހާދިސާއެއްގައި މިދުނިޔެއާއި ވަކިވެދިޔަ ފިރިހެން ދަރިފުޅާއެކު ހޭދަކުރި އުފާވެރި ދުވަސްތައް ކިއާދެމުން ނަސީރުއްދީން ސުރުހީއަޅާލިއެވެ.
ބަންގްލަދޭޝްގެ އާދަކާދަ ހަމަޖެހިފައި އޮންނަ ގޮތުން ރެސްޓޯރަންޓުތަކުން ތައްޔާރުކުރާ ސަގާފީ ކެއުންތަކާ ބުއިންތައް އާންމުކޮށް ފޯރުކޮށްދޭ އެއް ސަރަހައްދަކީ ޗޯވްކް ބާޒާރު ކައިރީގައި އޮންނަ އިފްތާރު ބާޒާރު ސަރަހައްދެވެ. އިފްތާރު ބާޒާރަށް ކޮންމެ ދުވަހަކު ނުދެވުނު ނަމަވެސް، ކާބަފައި ޒަމާނުގެ ކެއުމަކަށް އިންސާފުކޮށްލުމަށް، ވީހާވެސް ގިނައިން އިފްތާރު ބާޒާރަށް ދާ މީހުންގެ އަދަދު މަދެއް ނޫނެވެ.
އެތައް ސަތޭކަ ބަޔަކު ޖަމާވަމުންދާ އިފްތާރު ބާޒާރަކީ ސަގާފީ މުއްސަނދިކަމުން ފުރި ބަރާވެފައިވާ ސަރަހައްދަކަށްވާއިރު، މިއީ ގޮވަމުންދާ ނުރައްކާތެރި ބޮމެކޭވެސް ބުނެވިދާނެއެވެ. ވަގުތީ ޓެންޓުތަކާ ހަޓުތަކުގައި ބޮޑެތި ހާ އަވަންތައް އަތުރައިގެން ރެސްޓޯރަންޓުން ކެއްކުންތައް ކައްކަމުންދާއިރު މުޅި ތަން އޮންނަނީ ތޮއްޖެހިފައެވެ.
އިފްތާރު ބާޒާރު އޮންނަނީ އެންމެ ބައިބޯވާ ފިހާރައްވެސް ހިމެނޭ ސަރަހައްދުގައެވެ. އިމާރާތްތައް ހުންނަނީ ޖެހި ފިތިފައެވެ. އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޒަމާންދިޔައީއޭވެސް ބުނެވިދާނެއެވެ. ނަމަވެސް މި ބާޒާރަށް ދާ އަންހެނުންނާ ކުޑަކުދިންގެ އަދަދުވެސް މަދެއް ނޫނެވެ. ތޮއްޖެހިފައިވާ ނުރައްކާތެރި ދިރިއުޅުމަކަށް އަމިއްލަ ވަޒަނުގައިވެސް އެމީހުން ހޭނިފައި ތިބިކަހަލައެވެ. ޗޯވްކް ބާޒާރުގެ އަލިފާނުގެ ހާދިސާ ހަނދާނުން ފިލާ ނުދިޔައަށް ހިތުގައި ބިރުގެ ކަންފުޅެއްވެސް ނެތް ކަހަލައެވެ.