އަންނަ މަހުގެ ހަތް ވަނަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި، ރައްޔިތުން މަޖިލީހުގައި ތަގުރީރު ކުރައްވަން ރައީސް އިބްރާހިމް ސޯލިހް އެދިވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި 19 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، މޯދީ މަޖިލީހުގައި ތަގުރީރު ކުރެއްވުމާއި ގުޅޭގޮތުން މެންބަރުންނާއި މަޝްވަރާ ކުރެއްވުމަށް ރައީސް ސޯލިހް އެދިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ބޭރުގެ ވެރިންނަށް މަޖިލީހުގައި ތަގުރީރުކުރެއްވޭނީ މެންބަރުންގެ ރުހުން ލިބިގެން ކަމަށް ވާތީ، މާދަމާ ބާއްވާ ޖަލްސާގައި އެކަން ހުށަހަޅުއްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ 218 ވަނަ މާއްދާގައި އެބަ ބަޔާންކުރޭ ބޭރުގެ އެފަދަ މެހެމާނަކު، ދައުލަތެއްގެ އެންމެ މަތީ ވެރިއަކު ވަޑައިގެން މަޖިލީހުގައި މުހާތަބު ކުރައްވާއިރު އެކަން ވެގެންދާން މިޖެހެނީ ސިޔާސީ ޕާޓީތަކުގެ ވެރިންގެ މަޝްވަރާއާއެކުގައި، އެހޭ ވޯޓަކުން ނިންމޭ ނިންމުމެއްގެ މައްޗަށް، އިރާދަ ކުރެއްވިއްޔާ އެމަސައްކަތް މާދަމާ ކުރެވޭނެ،
ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތާ ހަވާލުވެ ވަޑައިގަތުމަށް ފަހު މެންބަރުންނާ މުހާތަބުކުރައްވަމުން ވިދާޅުވީ މާދަމާ ބާއްވާ ޖަލްސާގައި ޖުޑީޝަލް ސާވިސް ކޮމިޝަނަށް މަޖިލީހުން ހޮވާ މެންބަރު ވެސް ކަނޑައަޅާނެ ކަމަށާއި، އަދި މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތް ވެސް ފައްޓަވާނެ ކަމަށެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި، ދެ ވަނަ ދައުރަކަށް އިންތިހާބުވުމަށް ފަހު މޯދީ ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުގައި ރާއްޖެ އަށް ވަޑައިގަންނަވާނީ ދެ ދުވަހަށެވެ. މިއީ މޯދީ ރާއްޖެ ވަޑައިގަންނަވާ ދެވަނަ ފަހަރެވެ. މީގެ ކުރިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ ވަޑައިގެންނެވިއެވެ.

މަޖިލީހުގެ 218 ވަނަ މާއްދާގައި އެބަ ބަޔާންކުރޭ ބޭރުގެ އެފަދަ މެހެމާނަކު، ދައުލަތެއްގެ އެންމެ މަތީ ވެރިއަކު ވަޑައިގެން މަޖިލީހުގައި މުހާތަބު ކުރައްވާއިރު އެކަން ވެގެންދާން މިޖެހެނީ ސިޔާސީ ޕާޓީތަކުގެ ވެރިންގެ މަޝްވަރާއާއެކުގައި، އެހޭ ވޯޓަކުން ނިންމޭ ނިންމުމެއްގެ މައްޗަށް، އިރާދަ ކުރެއްވިއްޔާ އެމަސައްކަތް މާދަމާ ކުރެވޭނެ
ނަޝީދު ވިދާޅުވިއެވެ.