19 ވަނަ މަޖިލީހުގެ ނައިބު ރައީސް ކަމަށް ގަލޮލޫ އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހޮވިވަޑައިގެންފިއެވެ.
ނައިބު ރައީސްގެ މަގާމަށް ނަން ހުށަހަޅާފައި ވަނީ އެންމެ ފަރާތަކުން ކަމަށް ވާތީ ފެންނަ ނުފެންނަ ކަމުގެ ވޯޓެއް ވަނީ ނަގާފައެވެ. އެގޮތުން އީވާ އަބްދުﷲ ނައިބު ރައީސާ ކަމަށް ހޮވަން ފެނިވަޑައިގަންނަވާ ކަމަށް ވޯޓު ދެއްވީ 76 މެންބަރުންނެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދެއްވީ 9 މެންބަރުންނެވެ.
އީވާއަކީ ރާއްޖޭގެ މަޖިލީހުގެ ރިޔާސަތުގެ ނައިބު ރައީސް ކަމަށް ހޮވި ވަޑައިގެންނެވި ދެ ވަނަ އަންހެން ބޭފުޅާއެވެ. އެގޮތުން 2008 ވަނަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން 2009 ވަނަ އަހަރުގެ މޭ މަހުގެ ނިޔަލަށް އަނީސާ އަހުމަދު ވަނީ މަޖިލީހުގެ ނައިބު ރައީސްކަން ކުރައްވާފައެވެ.
މަޖިލީހުގެ ނައިބު ރައީސާ ކަމަށް އީވާގެ ނަން ހުށަހަޅުއްވާފައި ވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އަދި ތާއިދު ކުރެއްވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއެވެ.
ތިންވަނަ ދައުރަކަށް ގަލޮޅު އުތުރު ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވި އީވާ ޢަބްދުﷲ މަޖިލީހުގެ ނާއިބު ރައީސަކަށް އައްޔަންކުރުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ފާސްވީ 64 މެންބަރުންގެ އިއްތިފާގުން ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައެވެ.
86 މެންބަރުން ހާޒިރުވެވަޑައިގެންފައިވާ އިރު މިރޭގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ދެއްވީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމެވެ.