19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަދި ނައިބު ރައީސާ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހޮވިވަޑައިގެންފިއެވެ.

މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް މިރޭ ނެގި ސިއްރު ވޯޓުން ރައީސް ކަމަށް ނަޝީދު އަދި ނައިބު ރައީސާ ކަމަށް އީވާ ވަނީ ހޮވިވަޑައިގެންފައެވެ. މަޖިލީހުގެ ރައީސް ކަމަށް ދެ ބޭފުޅުންގެ ނަަން ހުށަހަޅާފައިވާ އިރު ނައިބު ރައީސް ކަމަށް ހުށަހަޅާފައި ވަނީ އެންމެ ބޭފުޅެއްގެ ނަމެވެ. ރައީސްކަމަށް ހުށަހަޅާފައިވާ ދެ ބޭފުޅުންނަކީ ނަޝީދުގެ އިތުރުން 18 ވަނަ މަޖިލީހުގެ ރައީސްކަން ކުރެއްވެވި ގާސިމް އިބްރާހިމެވެ.

67 ވޯޓާއެކު ރައީސް ނަޝީދު ވަނީ ކާމީޔާބު ހޯއްދަވާފައެވެ. ގާސިމް އިބްރާހިމަށް ލިބިފައިވަނީ 17 ވޯޓެވެ. އަދި ބާތިލް އެއް ވޯޓު ލާފައިވެއެވެ.

19 ވަނަ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު / ފޮޓޯ: މަޖިލިސް

މަޖިލީހުގެ ރައީސް ކަމަށް ނަޝީދުގެ ނަން ހުށަހަޅުއްވާފައި ވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އަދި ތާއިދު ކުރެއްވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއެވެ. އޭގެއިތުރުން މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް މާމިނގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ނަން ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް އަދި ތާއިދުކުރެއްވީ ފަރެސްމާތޮޑާގެ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ.

19 ވަނަ މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުﷲ / ފޮޓޯ: މަޖިލިސް

ނައިބު ރައީސްގެ މަގާމަށް ނަން ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށް ވާތީ ފެންނަ ނުފެންނަ ކަމުގެ ވޯޓެއް ވަނީ ނަގާފައެވެ. އެގޮތުން އީވާ އަބްދުﷲ ނައިބު ރައީސާ ކަމަށް ހޮވަން ފެނިވަޑައިގަންނަވާ ކަމަށް ވޯޓު ދެއްވީ 76 މެންބަރުންނެވެ. އަދި ނުފެންނަކަމަށް ވޯޓު ދެއްވީ 9 މެންބަރުންނެވެ.

މަޖިލީހުގެ ނައިބު ރައީސާ ކަމަށް އީވާގެ ނަން ހުށަހަޅުއްވާފައި ވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އަދި ތާއިދު ކުރެއްވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއެވެ.

86 މެންބަރުން ހާޒިރުވެވަޑައިގެންފައިވާ އިރު މިރޭގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ދެއްވީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމެވެ.

މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ

މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވުމަށް 5 މެންބަރުންގެ ވަގުތީ ކޮމިޓީއެއް އެކުލަވާލިއިރު އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހަސަން (އެމްޑީޕީ) އާއި، އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު (ޖޭޕީ) އާއި، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް (ޕީޕީއެމް) އާއި، މާވަށު ދާއިރާގެ މެންބަރު މުަހައްމަދު ސައީދު (ޕީއެންސީ) އަދި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން (އަމިއްލަ) އެވެ.

19 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ / ފޮޓޯ: މަޖިލިސް

19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ 87 މެންބަރުންގެ ތެރެއިން މިރޭ ހުވާ ކުރެއްވީ 86 މެންބަރުންނެވެ. މަޖިލީހުގެ އަމީންއާމް ވިދާޅުވީ ގުރައިދޫ ދާއިރާއަށް އިންތިހާބު ވެވަޑައިގަތް މެންބަރު އިބްރާހިމް ރިޒާ އުމްރާއަށް ގޮސްފައިވާތީ އެނބުރި ވަޑައިގަތުމުން ހުވާ ކުރައްވާނެ ކަމަށެވެ.

މިއީ މިހާތަނަށް މަޖިލީހުގައި އެންމެ މެންބަރުން ގިނަ ފަހަރެވެ. ޖުމްލަ 65 ގޮނޑި ކާމިޔާބުކޮށްގެން އެމްޑީޕީން އިން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފައެވެ.