19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަކަށް އެމްޑީޕީގެ ފަރާތުން ނަން ހުށަހަޅާނެ ފަރާތެއް ނިންމުމަށް ނެގި އެ ޕާޓީގެ އެތެރޭގެ ވޯޓުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަންފުޅު ހަމަޖެއްސުމާއި ގުޅިގެން، މީހުންގެ ފާޑުކިއުންތައް އަމާޒުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.

މަޖިލިސް ރައީސް ކަމާއި ނައިބު ރައީސްކަމަށް އެމްޑީޕީގެ ފަރާތުން ނަޝީދާއި އީވާ އަބްދުﷲ ހަމަޖެއްސުމާއި ގުޅިގެން ރައީސް ސޯލިހް ވަނީ އެދެބޭފުޅުންނަށް ތަހުނިޔާ ވިދާޅުވުމުގެ ގޮތުން ޓްވީޓް ކުރައްވާފައެވެ. މި ޕޯސްޓަށް ގިނަ ބައެއްގެ ތަރުހީބު ލިބުނު ކަމުގައި ވިޔަސް، މީހުންގެ ފާޑު ކިއުންވެސް ދަނީ އަމާޒުވެފައެވެ.

ރައީސް ސޯލިހު ވަނީ މަޖިލިސް ރައީސް ކަމާއި ނައިބު ރައީސްކަމަށް ހޮވި ވަޑައިގެންނެވި ރައީސް ނަޝީދާއި އީވާގެ އިތުރުން، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ހުރިހާ މެންބަރުންނަށް ވެސް އެމްޑީޕީގެ އެންމެ އިސްފަރާތުގެ ހައިސިއްޔަތުން ތަހުނިޔާ ވިދާޅުވެފައެވެ. މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ ކުރިއަށް އޮތް މަޖިލީހުގެ އެއްބާރުލުމާ އެކު މަސައްކަތް ކުރެއްވުމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރައީސް ސޯލިހުގެ ޓްވީޓަށް ރައީސް ނަޝީދުގެ ސަރުކާރުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވަނީ ފާޑު ވިދާޅުވެފައެވެ.

ސީނިއާ އޮފިޝަލް ލެޑިގަތީ. ރައީސް ނަޝީދު މަޖިލީހަށް ކުރިމަތިލާ، އެ މަޖިލީހުގަ ބޭނުންފުޅުވާ ރައީސް ވިދާޅުވުމުން ފަހަތުން އައިސް ލެޑިގަތީ
ޒުހައިރު

ޒުހައިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ މެންބަރުން ބޭނުންފުޅުވާ ރައީސަކީ ރައީސް ނަޝީދު ކަމަށާއި ރައީސް ސޯލިހް ފަހަތްޕުޅުން ވަޑައިގެން "ލެޑިގަތީ" ކަމަށެވެ. މިހެން ވިދާޅުވެ ޒުހައިރު ރޭ ކުރެއްވި ޓްވީޓް ވަނީ މިހާރު ޑިލިޓް ކުރައްވާފައެވެ. މި ޓްވީޓް ޑިލިޓް ކުރެއްވީ ކީއްވެތޯ އަހާ، މީހުން ސުވާލު ކުރަން ފެށުމުން، ޓްވީޓް ޑިލިޓް ކުރެއްވީ އޭނާގެ ވަރަށް ގާތް ރައްޓެއްސެއްގެ އެދުމުގެ މަތިން ކަމަށް ޒުހައިރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ސޯލިހަށް އަމާޒުވި ފާޑުކިއުންތަކުގެ ތެރޭގައި، ބައެއް އާންމުން ވަނީ، އެމަނިކުފާނުގެ އާއިލާގެ މެންބަރުން ނުވަތަ ތިމާގެ ގޮތުން ގުޅިފައިވާ ގިނަ ބޭފުޅުން މިނިސްޓަރު ކަމާއި، ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބަވާތީ، އެކަމާއި ހިތް ހަމަ ނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން، ބައެއް މީހުން ވަނީ، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ރައީސް ސޯލިހާ ތިމާގެ ގޮތުން ގުޅިފައިވާ ފަރާތްތަކާއި ގާތް ރަހްމަތްތެރިކަން އޮންނަ ފަރާތްތައް ފާހަގަ ކޮށްފައެވެ.

އެމްޑީޕީގެ އެއްމެ އިސްފަރާތަކީ ކޮން ފަރާތެއް ކަން ބައެއް މީހުންނަށް ވަނީ އޮޅުންއަރާފައެވެ. އެގޮތުން، ސިޔާސީ ޕާޓީތަކާއި ބެހޭ ގާނޫނުގައިވާ ގޮތުން، ވަކި ޕާޓީއެއް ވެރިކަމުގައި އޮންނައިރު އެއިރެއްގައި ހުންނަ ރައީސަކީ ޕާޓީއަށް ނިސްބަތްވާ މީހެއް ނަމަ، ޕާޓިގެ އެންމެ އިސް ފަރާތަކީ އެމީހެކެވެ. ނަމަވެސް އިދިކޮޅު ޕާޓީއެއް ވެރިކަމުގައި އޮންނަ ނަމަ ޕާޓީގެ އިސްފަރާތަކީ ޕާޓީގެ ރައީސް އެވެ. މިގޮތުގެ މަތިން، މިހާރު އެމްޑީޕީގެ އެންމެ އިސްފަރާތަކީ ރައީސް ސޯލިހެވެ.