އަންނަ ބުރާސްފަތި ދުވަހު މައްކާގައި ބާއްވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ސަމިޓްގައިގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މާދަމާ ސައުދި އަރަބިއްޔާ އަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެެވެ.

މި ސަމިޓް އޮންނާނީ މި ބުރާސްފަތި ދުވަހު މައްކާގައެވެ. މި ސަމިޓްގައި މުސްލިމް ހުރިހާ ގައުމަކުން ބައިވެރިވާ އިރު، މި ސަމިޓްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަގްރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގަންނަވާނީ އަންނަ މަހުގެ ތިން ވަނަ ދުވަހުއެވެ. މި ދަތުރުފުޅުގައި މުސްލިމް އެކިއެކި ގައުމުތަކާއި ރާއްޖެއާއި އޮންނަ ގުޅުން ބަދަހީކުރުމާއި އެކިއެކި ރޮނގުން އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވޭނެއެވެ.

އަރަބި ސަމިޓަށް ރައީސް މާދަމާ ފުރާ ވަޑައިގަންނަވާ އިރު، މި ސަމިޓްގެ ކުރިން ބާއްވާ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމަށް ރާއްޖޭގެ ފޮރިން މިިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވަނީ ފުރާވަޑައިގެންފައެވެ. ފުރާވަޑައިގެންނެވުމުގެ ކުރިން ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި އިސްލާމީ އުއްމަތަށް ދިމާވާ ގިނަ ގޮންޖެހުންތަކާ މެދު މަޝްވަރާ ކުރާނެ ކަމަށެވެ.

މިއީ އޯއައިސީގެ 14 ވަނަ ކޮންފަރެންސެވެ. މި ފަހަރުގެ ކޮންފަރެންސް ބާއްވަނީ މައްކާގައެެވެ. މި ސަމިޓްގައި ބައިވެރިވުމަށް ސައުދީ ރަސްގެފާނު ސަލްމާން ވަނީ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ގައުމުތަކަށާއި ލީޑަރުންނަށް ދައުވަތު ފޮނުއްވާފައެވެ. މި ބައްދަލުވުމަށް ސައުދީ ރަސްގެފާނު ވަނީ ގަތަރަށް ވެސް ދައުވަތު ފޮނުއްވާފައެވެ. މިއީ ގަތަރާއި ގުޅުން ކަނޑާލިފަހުން ބާއްވަ މިފަދަ ސަމިޓަކަށް އެގައުމަށް ދައުވަތު ދެވުނު ފުރަތަމަ ފަހަރެވެ.