އިސްލާމިކް ސަމިޓް ކޮންފަރެންސް (އޯއައިސީ މައްކާ ސަމިޓް) ގެ ކުރިން ބާއްވާ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފުރާވަޑައިގެންފިއެވެ.

އަންނަ ބުރާސްފަތި ދުވަހު މައްކާގައި ބާއްވާ މި ސަމިޓު ފެށުމުގެ ކުރިން ބާއްވާ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމަށް މިނިސްޓަރު ޝާހިދު ފުރާވަޑައިގަތީ މިއަދުއެވެ.

ފުރާވަޑައިގެންނެވުމުގެ ކުރިން ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި އިސްލާމީ އުއްމަތަށް ދިމާވާ ގިނަ ގޮންޖެހުންތަކާ މެދު މަޝްވަރާ ކުރައްވާނެ ކަމަށެވެ.

މިއީ އޯއައިސީގެ 14 ވަނަ ކޮންފަރެންސެވެ. މި ފަހަރުގެ ކޮންފަރެންސް ބާއްވަނީ މައްކާގައެެވެ. މި ސަމިޓްގައި ބައިވެރިވުމަށް ސައުދީ ރަސްގެފާނު ސަލްމާން ވަނީ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ގައުމުތަކަށާއި ލީޑަރުންނަށް ދައުވަތު ފޮނުއްވާފައެވެ. މި ބައްދަލުވުމަށް ސައުދީ ރަސްގެފާނު ވަނީ ގަތަރަށް ވެސް ދައުވަތު ފޮނުއްވާފައެވެ. މިއީ ގަތަރާއި ގުޅުން ކަނޑާލި ފަހުން ބާއްވާ މިފަދަ ސަމިޓަކަށް އެގައުމަށް ދައުވަތު ދިން ފުރަތަމަ ފަހަރެވެ.